އަޖޭ ދޭވްގަން، ސިދާތް މަލްހޯތްރާ އަދި ބަތަލާ ރަކުލް ޕްރީތް އެކީގައި ކުޅޭ ފިލްމު "ތޭންކް ގޯޑް" ގެ ޝޫޓިންގް މިމަހު 21 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ މިފިލްމަކީ، މީގެކުރިންވެސް ބޮލްކްބަސްޓަރ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އިންދަރް ކުމާރު އަދި ބުޝަން ކުމާރްގެ ފިލްމެކެވެ.
ބަތަލާ ރަކުލްވަނީ މީގެކުރިންވެސް އަޖޭ ދޭވްގަން އަދި ސިދާތްއާއެކީ މަސައްކަތް ކޮށްފައެވެ.
ނަމަވެސް މިފިލްމު ވެގެންދާނީ އަޖޭއާއެކު ސިދާތް ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރ އިންދަރް ކުމާރު ބުނެފައިވަނީ، މިފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
އަޖޭ ދޭވްގަން އާއެކީ މީގެކުރިން މަސައްކަތް ކޮށްފައިވީ ނަމަވެސް ފަހުގެ ޖީލުގެ ތަރިންތަކަކާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބޭތީ އޭނާހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
މިފިލްމުގެ ޝޫޓިންގް އެއްކޮށް ނިންމާލުމަށްފަހު ފިލްމު ރިލީޒްކުރުމަށް ޕްރޮޑަކްޝަން ޓީމުން ލަފާކުރަނީ މިއަހަރުގެ ތެރޭގައެވެ.
އަޖޭ ދޭވްގަންގެ އެންމެ އަވަހަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "މައިދާން"އެވެ.
ބަތަލާ ރަކުލް "ތޭންކް ގޯޑް" ފިލްމުގެ މަސައްކަތަށް ތައްޔާރުވަމުން ދާއިރު އޭނާގެ ކުރިއަށް އޮތް ފިލްމު "ސަރްދާރް އެންޑް ގްރޭންޑް ސަން" ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް ރިލީޒްކުރެވޭނެ ވާހަކަތަކެއްވަނީ މީގެކުރިން ދެކެވިފައެވެ.
މިމަހު 21 ގައި ޝޫޓިންގް ފަށާ މިފިލްމަކީ އަޖޭއާއެކު ރަކުލް ފެނިގެންދާނެ ތިންވަނަ ފިލްމެވެ.
މީގެކުރިން އަޖޭއާއެކު ރަކުލްވަނީ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ގައި މަސައްކަތް ކޮށްފައެވެ. އަދި އަޖޭއާއެކު އޭނާވަނީ ފިލްމު "މޭޑޭ" ކުޅެން އެއްބަސްވެފައެވެ.
ފިލްމުން ދެން ފެނިގެންދާ އެކްޓަރު ސިދާތްގެ އެންމެފަހުން ފެނިފައިވަނީ 2019 ވަނަ އަހަރު ނެރުނު ފިލްމު "މަރްޖާވާ" އިންނެވެ.