ސަރުކާރުން އެއްވެސް ލެވެލެއްގައި ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް މިހާތަނަށް މަޝްވަރާކޮށްފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރުމަކީ ސަރުކާރުން ރާވައިގެން ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރަމުންދާތީ އެކަމާ ގުޅޭގޮތުން ވީޓީވީއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ ސަރުކާރުން އެއްވެސް ލެވެލްއެއްގަ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް މިހާތަނަށް ކޮމިޝަނާއެކު މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
ސަރުކާރާއެކު އިންތިޚާބު ލަސްކުރަން މަޝްވަރާ ނުކުރައްވާނެކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އަދި އެއީ ސަރުކާރާ އިދިކޮޅު ފަރާތްތައް ކަމުގައިވީނަމަވެސް ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަމަކަށް އެއްވެސް ފަރާތަކާއެކު މަޝްވަރާނުކުރާނެ ކަމަށެވެ.
ކޮމިޝަނާއެކު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ އިންތިޚާބު ބޭއްވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބައެއް ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ދައުރުން ބޭރުންވެސް ޖަލްސާއެއް ބާއްވައިގެން އިސްލާހުތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީން ދެއްވި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އަދި އިންތިޚާބު ބޭއްވުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރައްވަން ޖެހޭ ކަންކަން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޝަރީފް ވިދާޅުވިއެވެ.