ގާނޫނީ އިމުގެ ތެރެއިން އިންތިޚާބު ބޭއްވޭނެ މަގުފަހި ވެއްޖެނަމަ އެޗްޕީއޭއިން އިލެކްޝަންސް ކޮމިޝަނާއެއްކޮށް މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވީ އިންތިޚާބު އިއުލާން ކުރުމުގެ ފުރިހަމަ ބާރު އޮންނަން ޖެހޭނީ ކޮމިޝަނުގައިކަމުގައިވިޔަސް ޚާއްސަ ގާނޫނުގެ ތެރެއިން އެބާރު އޮތީ އެހެން މުއައްސަސާއަކުން ކުރާ ކަމެއްގެ މައްޗަށް ޝަރުތުކޮށްފައި ކަމަށާއި އިންތިޚާބު ބާއްވާނެ ގޮތާއިމެދު އެޗްޕީއޭއަކަށް ގޮތެއް ނުކިޔޭނެ ކަމަށް ކޮމިޝަނުން ބުނެފައިވާ ވަގުތެއްގައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބުގެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން މިހާލަތުގައިވެސް އިލެކްޝަން ބޭއްވޭނެ މަގުފަހި ވެއްޖެނަމަ އެޗްޕީއޭއިން އިލެކްޝަންސް ކޮމިޝަނާއެއްކޮށް މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ރައްކާތެރި ގޮތުގައި ބޭއްވުމާއި ގުޅޭގޮތުން އެޗްޕީއޭއިން އިލެކްޝަންސް ކޮމިޝަނާއެއްކޮށް ގިނަ މަޝްވަރާތަކެއް މިހާތަނަށް އައި އިރުވަނީ ބާއްވާފައި ކަމަށާއި މިވަގުތު ދިމާވެފައި އޮތް ދައްޗަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ކޮމިޝަނަށް އިންތިޚާބު ބޭއްވުމަށްޓަކައި އެއްބާރުލުންދޭން ތައްޔާރަށް އޮތްކަމަށް ބުނިނަމަވެސް އިންތިޚާބުގެ ބައެއް ކަންތައްތަކަކީ ގާނޫނުން ކޮމިޝަނަށް ލާޒިމްކުރާ ކަންތައްތަކެއްކަމަށްވުމުން އެކަންތައްތަކެއް އެޗްޕީއޭގެ ބޭނުމަކަށް މުގުރާނުލެވޭނެ ކަމަށް ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 1 އަހަރު ދުވަހުގެ ތެރޭގައި ބާއްވައި ނިންމަންޖެހޭ ގޮތަށް މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށްފަވާއިރު އެ ބިލުގައި ބުނެފައިވާ ގޮތުގައި އިންތިހާބު ބާއްވަން ޖެހޭނީ މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނު" ގައި ބުނެފައި ވަނީ ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބާއްވަން ޖެހޭނީ އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.