މި ހިނގާ 2021 ވަނަ އަހަރުގެ ފުރަތަމަ ހަތްދުވަހު 20،612 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގައެވެ. އެދުވަހު 4195 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ ދެވަނަ ދުވަހުގައެވެ. އެދުވަހު 4160 ފަތުރުވެރިން ޒިޔާރާތްކުރިއެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 5331 ފަތުރުވެރިން ޒިޔާރާތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން 1816 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 565 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.

އެގޮތުން 141 ރިސޯޓަކާއި، 11 ހޮޓެލް އަދި 131 ސަފާރީގެ އިތުރުން 282 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 41،982 ބެޑް ކެޕޭސިޓީއެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ތެރެއިން ބެޑް ކެޕޭސިޓީ އެންމެެެ ގިނައީ ރިސޯޓުތަކުގައެވެ. ރިސޯތުގަކުގެ ބެޑް ކެޕޭސިޓީއަކީ 32،636 އެވެ.

މިއަހަރު 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 555،399 ފަތުރުވެރިންނެވެ.

މިދިޔަ އަަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން 63،905 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ދެވަނައަށް އޮތް ރަޝިއާއިން 61،388 ފަތުރުވެރިން ޒިޔަާތްކުރިއިރު، އިނގިރޭސިވިލާތުން 52،716 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

މީގެއިތުރުން އިޓަލީ، ޖަރުމަނުވިލާތް، ޗައިނާ އަދި ފްރާންސްގެ އިތުރުން ޔޫއެސްއޭއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިދިޔަ އަހަރު ޒިޔާރާތްކުރިކަމަށް ތަފާސްހިސަބުތަކުން ދައްކައެވެ.