މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދަން އިއުލާންކޮށްފިއެވެ.
މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކީ، ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފަށާފައިވާ ޕްރޮޖެކްޓެކެވެ.
ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާއި ހަވާލުކޮށްފައިވެއެވެ.
އެމްއެމްއޭއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށް ޓެކްނިކަލް ކޮންސަލްޓަންޓެއްގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެމްއެމްއޭގެއަށް ކުންފުނީގެ ނަމާއި، ނިސްބަތްވާ ޤައުމު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް އީމެއިލް ކުރައްވައި ރަޖިސްޓްރީ ކުރަން އަންގާފައެެވެ.
މި ގޮތަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސްލް ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެކަމަށް އިއުލާނުގައިވެއެވެ.
މިމަސައްކަތަށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން 27 ޖަނަވަރީ 2021 ވަނަ ދުވަހުގެ 16:00 ގެ ކުރިން ބިޑު އީމެއިލް ކުރުމަށާއި، މި ގަޑީގެފަހުން ހުށަހަޅާ ބިޑުތައް ބަލައެއް ނުގަނެވޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއްކަމުގައި ވީނަމަވެސް، މިސިސްޓަމް ގާއިމްކުރެވިގެންދިޔުމާއިއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގުފަހި ވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މިސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
އެމްއެމްއޭއިން ބުނީ މިމަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް، ކުރެވިގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި މި ސިސްޓަމްގެ ބޭނުން، ރާއްޖޭގައި ހިނގާ މުއާމަލާތްތަކަށް ބޭނުން ކުރަންފެށޭނެކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ.