ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި، ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވެންސްގެ ގޮތުގައި 90.32 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ކުރީސަފުގައި މަސައްކަތްކުރާ 10,180 މީހަކަށް އެލަވެންސް ދީފައިވެއެވެ.

މި އެލަވެންސް ދޭ ފަރާތްތަކުގެ ތެރޭގައި، ނަރުހުންނާއި، ޑޮކްޓަރުންނާއި، ލެބް ޓެކްނީޝަނުން އަދި ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.

"ކޮވިޑް-19 ފްރަންޓް ލައިން އެލަވަންސް" ތައާރަފްކޮށްފައިވަނީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިންގައި ކުރަމުންގެންދާ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން އެކި ރިސްކް ލެވެލްތަކަކަށް ބަހައިލެވިގެންނެވެ. ފްރަންޓް ލައިން މަސައްކަތްތެރިން ބަހައިލެވިފައިވަނީ ތިން ލެވެލް އަކަށެވެ. އެއީ ހައި ރިސްކު، މީޑިއަމް ރިސްކު އަދި ލޯ ރިސްކުއެވެ.

ހައި ރިސްކް އެލަވެންސް ދެނީ، މަސައްކަތުގެ ގޮތުން ކޮވިޑް-19 ޕޭޝަންޓުންނާއި ޑައިރެކްޓް ކޮންޓެކްޓް ވާ ފަރާތްތަކަށެވެ. އެފަރާތްކަާށް އެލަވެންސްގެ ގޮތުގައި ދުވާލަކަށް 500 ރުފިޔާ ދޫކުރެއެެވެ.

މީޑިއަމް ރިސްކު އެލަވެންސް، މަސައްކަތުގެ ގޮތުން ހައި ރިސްކު ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވާނަމަ ދޭއިރު، އެފަރާތްތަކަށް ދޫކުރަނީ ދުވާލަކަށް 250 ރުފިޔާއެވެ. އަދި ލޯ ރިސްކު އެލަވެންސް، ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 6 ގަޑިއިރަށް ވުރެގިނައިރު ލޮގު ކުރެވިފައިވާނަމަ ދޫކުރާއިރު، އެފަރާތްތަކަށް ދޫކުރަނީ ދުވާލަކަށް 200 ރުފިޔާއެވެ.