ހޮރައިޒަން ފިޝަރީޒްއިން އިން ވިއްކާ މާންދޫ ބްރޭންޑުގެ މަސްދަޅުގެ އަގު ހެޔޮކޮށްފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ހޮރައިޒަން ފިޝަރީޒްގެ އެސިސްޓެންޓް މެނޭޖަރ އިބްރާހިމް ވިޝާމް ވިދާޅުވީ އެ ކުންފުނިން ވިއްކާ މަންދޫ ބްރޭންޑުގެ ހުރިހާ މަސްދަޅެއްގެ އަގުވެސް ވަރަށް ބޮޑުތަނުން ހެޔޮކޮށްފައިވާ ކަމަށެވެ.

އެގޮތުން ތެޔޮ މަސްދަޅެއް ވިއްކާ އަގު 13ރ. އަށް ދަށްކޮށްފައިވާކަމަށް ވިޝާމް ވިދާޅުވިއެވެ.

ވިޝާމް ވިދާޅުވީ މި ބަދަލާއެކު މީގެކުރިން 640ރ. އަށް ވިއްކި 48 ދަޅުގެ ތެޔޮމަސް ކޭހުގެ އަގު 550ރ. އަށް ދަށްވެފައިވާ ކަމަށެވެ.

މާންދޫ ބްރޭންޑުގެ ފެންމަސް ދަޅުގެ އަގަށްވެސް ބޮޑު ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރައްވައި ވިޝާމް ވިދާޅުވީ މީގެކުރިން 620ރ. އަށް ވިއްކި ފެންމަސް ދަޅު ކޭހުގެ އަގު މިހާރު އުޅެނީ 540ރ. އަށް ކަމަށެވެ.

މަސްދަޅެއް ވަކިން ވިއްކާ އަގު 12ރ. އަށް ކުޑަކޮށްފައިވާކަމަށް ވިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން ގިތެޔޮ މިރުސް މަސްދަޅެއް 15ރ. އަށް މިހާރު ލިބެން ހުންނާނެ ކަމަށް ވިޝާމް ވިދާޅުވިއެވެ. މިއާއެކު ގިތެޔޮމިރުސް މަސްދަޅު ކޭހެއްގެ އަގު 750ރ. އިން 680ރ. އަށް ދަށްވެފައިވާކަމަށް ވިޝާމް ވިދާޅުވިއެވެ.

އަދި ލޮނުމެދު، ޓޮމާޓޯ، އަސޭމިރުސް އަދި ތައިމް ހިމެނޭ މަސްދަޅުގެ އަގުވެސް 14ރ. އަށް ކުޑަކޮށްފައިވާ ކަމަށާއި، މި މަސްދަޅު ކޭހުގެ އަގުވެސް 670ރ. އިން 600ރ. އަށް ދަށްކޮށްފައިވާކަމަށް ވިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން ހޮރައިޒަން ފިޝރީޒްއިން ވަޅޯމަސްވެސް ހެޔޮ އަގެއްގައި ވިއްކަމުންދާކަން ފަހަގަކުރައްވައި ވިޝާމް ވިދާޅުވީ މިވަގުތު ހޮރައިޒަން ފިޝަރީޒްއިން ވަޅޯމަސް ކިލޯއެއް 100ރ. އަށް ވިއްކަމުންދާ ކަމަށެވެ.

ހޮރައިޒަން ފިޝަރީޒްއިން މީގެ ކުރިންވެސް އެ ކުންފުނީގެ ގިނަ އުފެއްދުންތަކުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވެއެވެ. ހޮރައިޒަން ފިޝަރީޒަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރާ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ކުންފުންޏެވެ.