ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކާމިޔާބު ފިލްމު ސީރީސް "ސިންގަމް" ގެ ކުރިއަށް އޮތް ފިލްމުގެ ވިލެން ރޯލުން ފެނިގެން ގޮސްދާނެކަމަށް އިންޑިއާގެ މީޑީއާތަކުން ބުނެފިއެވެ.
"ސިންގަމް 3" ނެރޭނެކަމުގެ އިޝާރާތެއް ޑައިރެކްޓަރު ރޯހިތު ޝެޓީ މީޑިއާއަށް ދީފައިވާއިރު އޭނާ މިވަގުތުދަނީ ކުރިއަށް އޮތް ފިލްމު "ސަރކަސް" ގެ މަސައްކަތުގައި އަވަދިނެތިއެވެ.
ފިލްމު "ސިންގަމް 3"ގެ ސްކްރިޕްޓްވެސް ގާތްގަނޑަކަށް ނިމުމަކާ ކައިރިވެފައިވާކަމަށް ޚަބަރުތައް ބުނާއިރު ފިލްމު ކުރިއަށް ގެންދާނެ ގޮތަކާމެދު ރޯހިތުދަނީ ވިސްނަމުންނެވެ.
މިފިލްމުގެ މެއިން ލީޑްއިން ފެނިގެންދާނީ ކުރީގެ ސީރީސްތަކުންވެސް ފެނިގެންގޮސްފައިވާ ހުނަރުވެރި އެކްޓަރ އަދި ޕްރޮޑިއުސަރ އަޖޭ ދޭވްގަންއެވެ.
ޚަބަރުތައް ލިބޭގޮތުގައި މިފިލްމާ ބެހޭގޮތުން ރޯހިތު ބެލުންތެރިންނާ މައުލޫމާތު ހިއްސާކުރާނީ މިހާރު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ފިލްމު "ސޫރްޔަވަންޝީ" ގެ ރިލީޒްއަށް ފަހުއެވެ.
ދަރްމާ ޕްރޮޑަކްޝަން އަދި ރިލަޔަންސް އެންޓަޓެއިންމަންޓުން ނެރޭ މިފިލްމު ރިލީޒްކުރާނެކަމަށް ބެލެވެނީ މިއަހަރުގެ މާޗް މަހުތެރޭއެވެ.
ބަތަލާ ކެޓްރިނާ ކައިފްއާ އެކްޓަރ އަކްޝޭ ކުމާރު ފެނިގެންދާ "ސޫރްޔަވަންޝީ" އަކީ މިހާރު ބެލުންތެރިންގެ ތެރެއިން ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ފިލެމެވެ.
ފިލްމު "ސިންގަމް 3" އުފެއްދުމުގެ ވާހަކަ ދެކެވޭއިރު ޑައިރެކްޓަރ ރޯހިތުގެ ކޮމެޑީ ފިލްމު " ގޯލް މާލް" ގެވެސް އާ ފިލްމެއް އުފެއްދުމާދޭތެރޭ އޭނާ ވިސްނަމުންދާކަމަށް މީޑިއާއިން ބުނެއެވެ.
ރޯހިތުގެ ޑައިރެކްޝަނެއް އެންމެފަހުން ރިލީޒްކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އެއީ އެކްޓަރު ރަންވީރް ސިންގްއާ ވިދަމުން އަންނަ ބަތަލާ ސާރާ އަލީ ޚާންގެ ފިލްމު "ސިމްބާ" އެވެ.