ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާދަމައިން ފެށިގެން ރޭގަނޑު ކުނި ނަގަން ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު މިފަދައިން ވިދާޅުވީ، މާލޭގެ ގޭބީސިތަކުން މިހާރު ކުނިނަގަމުންދާ ވަގުތައް މާދަމާއިން ފެށިގެން ބޮޑު ބަދަލެއް ގެނެސް ރޭގަނޑު ކުނި ނަގަން ނިންމުމާ ގުޅިގެން، ވީނިއުސްއިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްޑީ އާދަމް ވިދާޅުވީ ރޭގަނޑު ކުނި ނެގުމުގެ ޓްރަޔަލް ރައުންޑުތައް މިހާރު ނިމިފައިވާ ކަމަށާއި، ވަކި ހާއްސަ ޕްލޭނެއްގެ ދަށުން ޒޯންތކަށްކަށް ބަހާލައިގެން ކުނި ނެގުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

ރޭގަނޑު ވަގުތު ކުނި ނެގުމަކީ ވެމަކޯއިން މީގެކުރިން ކޮށްފައިވާކަމަށް ނުވިނަމަވެސް ވެމްކޯގެ ފަރާތުން މިކަމުގައި އެއްވެސް މައްސަލައެއް ދިމާނުވެ މިކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އާދަމް ވަނީ ދެއްވާފައެވެ.

އާދަމް ވިދަޅުވީ ވެމްކޯއިން އެކި ސަރަހައްދުތަކަށް ގޮސް ކުނި ނެގުމުގެ މަސައްކަތް ކުރަން ފަށާނީ ރޭގަނޑު 12:00 ގެ ފަހުން ކަމަށެވެ.

އެހެންކަމުން ހުރިހާ ގޭބީސީއަކުންވެސް ރޭގަނޑު 10:00 އާ 12:00 އާ ދެމެދު މަގުމައްޗަށް ކުނި ނެރެފައި ބެހެއްޓުމަށް އާދަމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މާދަމާއަކީ ސްކޫލްތަކުގައި 2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާ ދުވަސްކަން ފާހަގަކުރައްވައި އާދަމް ވިދާޅުވީ، ވެމްކޯގެ ހިދުމަތް ރޭގަނޑަށް ބަދަލުކުރުމުގައި ދަރިވަރުން ސްކޫލަށް ވަދެނިކުމެ ހަދާ ވަގުތުތަކުގައި ވެމްކޯގެ ހިދުމަތްތައް ކުރިއަށްދާނަމަ ވާނެ އުނދަގޫތަކާ ދެތެރޭވެސް ވިސްނާފައިވާނެ ކަމަށެވެ.

އަދި ދުވާލު ވަގުތަކީ މާލޭގެ މަގުތަކުގައި ޓްރެފިކް ބާރުބޮޑު ވަގުތަކަށްވުމުން މި ހިދުމަތް ރޭގަނޑަށް ބަދަލުކުރުމާއެކު ވޭމްކޯގެ މުވައްޒަފުންނަށްވެސް ގޭގެއިން ކުނި ނަގަން ފަސޭހަ ވެގެންދާނެ ކަމަށް އާދަމް ވިދާޅުވިއެވެ.

މީގެ އިތުރުން ވެމްކޯގެ ހިދުމަތް ރޭގަނޑަށް ބަދަލުކޮށް ކުނި ނެރުމަށް ވަކި ވަގުތެއް ކަނޑައަޅާފައި އޮތުމުން މަލޭގެ އެކި ސަރަހައްދުތަކަށް ކުނި ޖަމާކޮށްފައިހުރުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ވެމްކޯއިން ވަނީ ރޭގަނޑު 12:00 ގެ ކުރިން ގޭބީސީތަކުން ކުނި ނެރެފައި ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގޭގޭގެ އެތެރެއަށްވަދެ ކުނި ނަގަމުން ނުދާނެ ކަމަށް ވެމްކޯއިން މީގެކުރިން ބުނެފައިވެއެވެ.