ތިމާވެށީގެ ދެ މައްސަލައަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓްޗޭންޓް ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓްޗޭންޓް ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ޓޫރިސްޓް ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައަކާއި އަދި ދިވެހި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަންއެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ފަންޑް ކުރުމަށް ނިންމަވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ.

މިމައްސަލަތަކާމެދު ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރެއްވުމަށް ނިންމެވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގަވާއިދުން ބާރު ލިބިގެން ޓޫރިސްޓް ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، މިނިސްޓްރީ އޮފް ޓޫރިޒަމް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަންއޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އަދި ރާއްޖޭގައި ލިކުފައިޑް ނެޗުރަލް ގޭސް ސްޓޭޝަންއެއް އެޅުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ފަންޑު ކުރުމަށް ނިންމަވާފައިވާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ޔުޓިލިޓީރެގިއުލޭޓަރީ އޮތޯރިޓީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ފެނަކަ ކޯޕަރޭޝަން، ސްޓެލްކޯ އަދި ތިމާވެއްޓާބެހޭ މާހިރުންނާ ބައްދަލުކުރައްވާ މަޝްވަރާ ތތތކުރެއްވުމަށްވެސް މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.