އާންމުން ގޮވައިގެން ދަތުރުކުރި އިންޑޮނޭޝިޔާގެ މަތިންދާ ބޯޓެއް ފުރިފަހުން، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިއެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވަނީ އިންޑޮނޭޝިޔާގެ ސްރިވިޖަޔާ އެއަރގެ ބޮއިން 500-737 މަރުކާގެ ބޯޓެކެވެ.

ބޯޓު ގެއްލުނުއިރު އޭގައި 60 ވަރަކަށް މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޯޓު ގެއްލުނީ، ޖަކާޓާގެ އެއަރޕޯޓަކުން ފުރައިގެން ކަލިމަންޓަން ޕްރޮވިންސްގެ ވެރިރަށް ޕޮންޓިއަނަކަށް ދިއުމަށެވެ.

ބޯޓާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑުނީ، ބޯޓު އެއަރޕޯޓުން ފުރިތާ 4 މިނެޓްފަހުން ކަމަށް ހަބަރު ލިބެއެވެ. އަދި ފްލައިޓް ޓްރެކިންގ ޑޭޓާ ދައްކާގޮތުން ބޯޓުވަނީ ވަރަށް ބާރަށް ތިރިއަށް ވެއްޓިއެވެ.

އެހެންކަމުން، މަތިންދާ ބޯޓު ކަނޑަށް ވެއްޓިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ސްރިވިޖަޔާ އެއަރއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަތިންދާ ބޯޓު ފުރީ 90 މިނެޓުގެ ދަތުރަކަށް ކަމަށެވެ. އަދި ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 56 ފަސިންޖަރުންނާއި، 6 ކްރޫ މެމްބަރުން ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބޯޓު ވެއްޓުނު ސަރަހައްދު އިންޑޮނޭޝިޔާގެ ބައެއް ޓީވީތަކުން ދައްކަމުން އެބަގެންދެއެވެ. އަދި ބޯޓު ވެއްޓިފައިވާ ސަރަހައްދު މަސްވެރިކަން ކުރަން އުޅުނު ބަޔަކަށް ފެނިގެންވެސް ރިޕޯޓްކޮށްފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.

އިންޑޮނެޝިޔާގެ ރެސްކިއު ޓީމުތައް މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.