އިންޑިއާގެ ރައްޔިތުންނަށް މި ޖެނުއަރީމަހުގެ 16 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ވެކްސިން ދޭން ފަށާނެކަން އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް ވެކްސިން ދޭން ފަށާއިރު ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ، ސިއްހީ މަސައްކަތްތެރިންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ކަމަށެވެ. އެއީ، ގާތްގަނޑަކަށް 30 މިލިއަން މީހުންނެވެ.

ވެކްސިން ދިނުމަށް ވެފައިވާ ތައްޔާރީތައްވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްލަވާލައްވާފައި ވާކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާއިން ރާވާފައިވަނީ މިއަހަރުގެ ފުރަތަމަ 6 ނުވަތަ 8 މަސްދުވަހުގެ ތެރޭގައި އެގައުމުގެ އާބާދީގައި ހިމެނޭ 1.35 ބިލިއަން މީހުންގެ ތެރެއިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އަދި އެކަން ކުރާނީ އެއްވެސް އަގެއް ނުނަގައި ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާއަކީ، ކޮވިޑްބަލީގެ ހާލަތު ދުނިޔޭގައި ދެވަނައަށް އެންމެ ގޯސްވެފައިވާ ގައުމެވެ. އެގައުމުން މިއަދު އެކަނިވެސް 18،222 މީހުން އަލަށް ޕޮޒިޓިވްވެ، އެގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދުވަނީ 10.43 މިލިއަނަށް އަރާފައެވެ.

އިމަޖެންސީ ބޭނުމަށް އިންޑިއާގައި ދެ ވެކްސިނެއް ބޭނުންކުރުމުގެ ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިއާއިން ވަނީ ދީފައެވެ.

ހުއްދަދިން ދެ ވެކްސިނަކީ، އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފެއްދި "ކޮވެކްސިން" އާއި، އެސްޓްރަޒެނެކާގެ އިންޑިއާ ޕާޓްނަރ، ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ވެކްސިން "ކޮވިޝީލްޑް" އެވެ.

އިންޑިއާގެ ރައްޔިތުންނަށް މި ވެކްސިންތައް ދިނުމަށް، ވެކްސިން ގަތުމުގެ އެއްބަސްވުންތައް އެ ކުންފުނިތަކާއެކު ހެދިކަމަށް، ސަރުކާރުން ނެރުނު ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.