ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމަށް މުހައްމަދު މަބްރޫކް އަޒީޒު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމު އުފައްދަވައި އެ މަގާމަށް މ. އަތައްސާގިރި މުހައްމަދު މަބްރޫކް އަޒީޒު އައްޔަންކުރައްވާފައިވާ ކަމަށެވެ.
އޭނާ މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ ނައިބު ފެންވަރުގައެވެ.
މަބްރޫކް މި މަގާމަށް އައްޔަންކުރައްވާފައި ވަނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މައުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ ބަދަލުގައި މުހައްމަދު މަބްރޫކް އަޒީޒު ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މަބްރޫކް ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަނޑަރ ސެކްރެޓަރީގެ މަގާމުގައެވެ.