ޖުޑީޝަރީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން އިދިކޮޅު ކޯލިޝަންގެ ވެރިންނާއި އާންމު މެމްބަރުންނަށް ތަފާތު ދައުވާތައްކޮށް ހުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަނީ ކައުންސިލް އިންތިޚާބުތަކުގައި ކޯލިޝަނަށް ލިބޭނެ ކާމިޔާބީ ތަސައްވުރު ކުރެވޭތީ ކޯލިޝަން ބައިބައިކުރުމުގެ މަގްސަދުގައި ކަމަށް ކޯލިޝަނުން ބުނެފިއެވެ.

ކޯލިޝަނުން މިހެން ބުނެފައިމިވަނީ ޕީޕީއެމްގެ އެތެރެ އޮތީ ބައިބައިވެފައި ކަމަށާ ލީޑަރޝިޕަށް ޔާމީން އިތުބާރެއް ނުކުރައްވާ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރަމުންދާ ވަގުތެއްގައެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ގުޅޭގޮތުން ހަޑިހުތުރު އެއްވެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރިކަމަށް ބުނެ ސަރުކާރުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމެއް މިމަހުގެ 31 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައި ކަމަށެވެ.

ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނާ ގުޅޭ ގޮތުން ތަފާތު ވައްތަރުގެ މައްސަލަތައް އުފައްދާ ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅަމުން ގެންދަނީ މި ސަރުކާރު ބަލިކަށިވެ ރައްޔިތުންގެ ތާއީދު ގެއްލި ރައްޔިތުންގެ ނަފްރަތު އިތުރުވެ ހަނދާނެ ނަހަދާނެ ގޮތެއް ނޭނގޭ ހިސާބަށް ކަންކަން ދިޔުމުން ކަމަށާއި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުން ކާމިޔާބު ލިބޭނެތީ ކޯލިޝަން ބަލިކަށިކޮށް ބައިބައިކުރުމުގެ މަދްގަސުގައި ކަމަށް ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

ސިޔާސީ ގޮތުން ދައްކާ ބިރަކަށް އަބްދުއްރަހީމް އަބްދުﷲ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި ކޯލިޝަނަށް ނިސްބަތްވާ އެއްވެސް ބޭފުޅަކުވެސް ސަރުކާރުން ދައްކާ ބިރަކަށް ފަހަތަށް ނުޖެހޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މިކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށާއި އަދި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި މި ކޯލިޝަން ނުކުންނާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމުގައި ސަރުކާރަށް ދަންނަވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.