ވެރިކަމުގެ ދައުރުގެ ބާކީ 10 ދުވަސް އޮތްނަމަވެސް، އެމެރިކާގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ވަކިކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ. އެކަމަށް އިދިކޮޅު ޑިމޮކްރޭޓުން ގެންދަނީ ތައްޔާރުވަމުންނެވެ.
އެމެރިކާގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ދުރުކުރުމުގެ މަސައްކަތް ކުރަމުންދަނީ، ވެރިރަށް ވޮޝިންޓަންގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި އަނިޔާވެރި ހަމަޖެހުންތަކާއި، ކޮންގްރެސް އިމާރާތަށް ވަދެގަނެ ހިސާރުކުރި މައްސަލާގައެވެ. މި ހަމަޖެހުންތަކުގައި 5 މީހުން މަރުވިއެވެ.
މިކަމާހެދި، އިދިކޮޅު ޑިމޮކްރޭޓުން ގެންދަނީ، ޓްރަމްޕް އިމްޕީޗްކޮށް މަގާމުން ދުރުކުރުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. މިއީ، އެމެރިކާގެ ރައީސް އިމްޕީޗްކުރެވޭ ދެވަނަ ފަހަރަށް ވެގެންދާނެއެވެ.
މިކަމަށް ކުރިން އެތައް ހަފްތާތަކެއް ނެގިނަމަވެސް، ޕްރޯސަސް އަވަސްކުރުމަށްވަނީ ތައްޔާރުވެފައެވެ.
ޓްރަމްޕަށް ފުރަތަމަ ހުށަހެޅިފައިވަނީ ރައީސްކަމުން އިސްތިއުފާ ދެއްވުމަށެވެ. ނަމަވެސް، އެކަން ޓްރަމްޕް ކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށް ސިޔާސީ މުހައްލިލުން ވިދާޅުވެއެވެ.
ދެވަނަ އިޚްތިޔާރަކީ، ނައިބް ރައީސް މައިކް ޕެންސް ގާނޫނުއަސާސީގެ 25 ވަނަ އިސްލާހް އެކްޓިވޭޓް ކުރުމެވެ. އެއީ، ނައިބް ރައީސާއި، ކެބިނެޓްގެ ހުރިހާ ވަޒީރުން ރައީސްކަމުގެ މަގާމުން ޓްރަމްޕް ވަކި ކުރެއްވުމެވެ.
ހައުސްގެ ރައީސާ ނޭންސީ ޕެލޯސީ ވިދާޅުވީ، ޓްރަމްޕް އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ އަދި ނައިބް ރައީސް ޕެންސް ގާނޫނުއަސާސީގެ 25 ވަނަ އިސްލާހް އެކްޓިވޭޓް ނުކުރައްވައިފިނަމަ، ޓްރަމްޕް އިމްޕީޗްކުރުމުގެ މަސައްކަތް ހޯމަދުވަހު ފަށްޓަވާނެ ކަމަށެވެ.
ޓްރަމްޕް މަގާމުން ދުރުކުރަން ޑިމޮކްރޭޓުން މަސައްކަތް ކުރަމުން ގެންދަނީ، ޓްރަމްޕަށް ދެން ދުވަހަކުވެސް އެމެރިކާގެ ރައީސްކަމަށް ނާދެވޭގޮތް ހެދުމަށެވެ. ޑިމޮކްރޭޓުންގެ މި މަސައްކަތަށް މިހާރު ވެރިކަންކުރާ ރިޕަބްލިކަން ބައެއް މެމްބަރުންވެސް ތާއީދު ކުރައްވައެވެ.
އިމްޕީޗްމަންޓް ލިއުމުގައި މިހާތަނަށް ކޮންގްރެސްގެ 180 މެމްބަރުން ސޮއި ކުރައްވާފައި ވެއެވެ.
ލިއުމުގައި ބުނެފައިވަނީ، އެމެރިކާގެ ގައުމީ ސަލާމަތަށް ޓްރަމްޕް ވަރަށް ބޮޑެތި ނުރައްކާތައް ކުރިމަތިކޮށް، ޑިމޮކްރަޓިކް ނިޒާމުގެ އިތުބާރު ގެއްލުވާލާފައިވާ ކަމަށެވެ.
ހައުސްގެ ރައީސާ ނޭންސީ ޕެލޯސީ ވިދާޅުވީ، ޓްރަމްޕަކީ ވަރަށް ނުރައްކާތެރި ބޭފުޅެއް ކަމަށާއި، އޭނާ ވެރިކަމުން ދުރުކުރަންޖެހޭ ކަމަށެވެ.
އެކަމަކު، ޓްރަމްޕް އަދިވެސް ހުންނެވީ ގޮތްދޫކުރައްވާ ގޮތަކަށް ނޫނެވެ. ޓްވިޓަރ، ފޭސްބުކް، އިންސްޓަގްރާމްފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ކޮށްފައިވާއިރު، ނޫސްބަޔާނެއް މެދުވެރިކޮށް ޓްރަމްޕް ވިދާޅުވެފައިވަނީ "ފައިޓް އަދި މިފެށުނީ" ކަމަށެވެ.