އިނގިރޭސިވިލާތުން މިހާތަނަށް ގާތްގަނޑަކަށް ދެމިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ދީފިއެވެ.

މިކަން ހާމަކުރެއްވީ އިނގިރޭސި ހެލްތު މިނިސްޓަރ މެޓް ހެންކޮކްއެވެ.

ބީބީސީ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ހެލްތު މިނިސްޓަރ ވިދާޅުވީ، މިދިޔަ ޑިސެމްބަރުމަހު ވެކްސިން ދިން މީހުންގެ އަދަދަށްވުރެ ޖެނުއަރީއަށް އަޅައިގަތުމުން ވޭތުވެދިޔަ ހަފްތާތެރޭގައި ވެކްސިންދެވުނު މީހުންގެ އަދަދު ޑިސެމްބަރު މަހަށްވުރެ އިތުރު ކަމަށެވެ. އަދި ހޯމަދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެކްސިންދޭ މީހުންގެ އަދަދު އަދިވެސް އިތުރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ މެޓް ހެންކޮކް ވިދާޅުވީ، އިނގިރޭސިވިލާތުގައި މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ދެލައްކަ މީހުންނަށް ވެކްސިން ދެމުންގެންދާ ކަމަށެވެ.

އިނގިރޭސިވިލާތުން އަމާޒުހިފާފައި ހުރީ، ފެބްރުއަރީ މެދަކާ ހަމައަށް އަންނަން ވާއިރަށް 14 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.

ވެކްސިން ދިނުމުގައި އެގައުމުން އިސްކަން ދީފައިވަނީ، އުމުރުން 70 އަހަރުން މަތީގެ މީހުންނާއި، ބޮޑެތި ބަލިތަކުގެ މީހުންނާއި، ސިއްހީ ޚިދުމަތްތެރިންނާއި، އިޖުތިމާއީ ޚިދުމަތްތެރިންނަށެވެ.

އިނގިރޭސިވިލާތުން އެގައުމުގެ ރައްޔިތުންނަށް ދެމުންގެންދަނީ އެމެރިކާގެ ފައިޒަރގެ ކޮވިޑް ވެކްސިނާއި، އަދި އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާއިން އުފައްދާފައިވާ ވެކްސިނެވެ.

ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވެ، އެގައުމުން އުންމީދު ކުރަމުން ގެންދަނީ ބަލި ފެތުރުން ހުއްޓުވަން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ކޮވިޑް-19 ބަލިޖައްސާ ވައިރަހުގެ އައު ވޭރިއެންޓެއް އިނގިރޭސިވިލާތުން ފެނި، ބަލިޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އެތައްގުނަ އިތުރުވާން ފެށުމާ ގުޅިގެން ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ އިންގްލެންޑް ތިންވަނަ ފަހަރަށް ލޮކްޑައުން ކުރައްވާފައެވެ. އިންގްލެންޑަކީ އިނގިރޭސިވިލާތުގައި ހިމެނޭ އެންމެ އާބާދީބޮޑު ގައުމުވެސް މެއެވެ.

އިންގްލެންޑްގެ ނާޒުކު އާބާދީއަށް ވެކްސިންދީ ނިމެންދެން ލޮކްޑައުންގެ ހާލަތު ބާއްވަން ބޮޑުވަޒީރުވަނީ ނިންމަވާފައެވެ.