މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިދިޔަ 2020 ވަނަ އަހަރު އެކުންފުނީގެ ހިންގުމުގެ ހަރަދު 297.9 މިލިއަން ރުފިޔާ ކުޑަކުރި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީގެ އޮޕަރޭޓިން އެންޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައި ވަނީ 838.9 މިލިއަން ރުފިޔާއެވެ.

އެހެންނަމަވެސް މިކަމަށް ހަރަދު ކުރެވިފައިވާ މިންވަރު 541 މިލިއަން ރުފިޔާއަށްވަނީ ކުޑަކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ އެކުންފުނީގެ ހިންގުމުގެ ހަރަދާއި އަޅާބަލާއިރު 14 އިންސައްތަ ކުޑަ އަދަދެކެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެކުންފުނީގެ ހިނގުމުގެ ހަރަދުތައް ކުޑަކުރެވިފައި ވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން، ހާއްސަކޮށް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން، ކުންފުނީގެ މެނޭޖްމަންޓުން ރޭވުންތެރިކަމާއެކު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ގެންގުޅުނު މާލީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

2020 ވަނަ އަހަރުގެ އެމްޑަބްލިޔުއެސްސީން ކޮށްފައިވާ ހަރަދުތަކަށް ބަލާލާއިރު، އިންޖިނިއަރިންގ، މެނުފެކްޗަރިންގ، ފެނާއި ނަރުދަމާގެ ހިދުމަތްތައް، އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތައް ފުރަތަމަ ކުއާޓަރުގައި 177.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިކަންކަމަށް ދެވަނަ ކުއާޓަރުގައި 130.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ތިންވަނަ ކުއާޓަރގައި 163.5 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓަރުގައި 94.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކުގައިވެސް، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެގޮތުން އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައްތަކެއް ކޮށްފައިވެއެވެ.

އެގޮތުން ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމާއި، ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައިދިނުމުގެ އިތުރުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމައްޓަކައި، ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެދަށުން މިފަދަ ކަންކަމަށް ޖުމްލަ 4.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެމްޑަބްލިޔުއެސްސީ ބުނީ 2020 ވަނަ އަހަރު ކުންފުނިން މަސައްކަތް ކުރަމުން ދިޔައީ ކުންފުނީގެ މައިގަނޑު ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަމަށެވެ. އެގޮތުން، މެދުކެނޑުމެއްނެތި ރައްކާތެރި ބޯފެނާއި، ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން އެކުންފުނީގެ ހިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ތަފާތު އެކިއެކި ޕްރޮޖެކްޓްތައް ހިންގާފައިވެއެވެ.

އަދި ސަރުކާރުން، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން، ދެރަށެއްގެ ފެނާއި ނަރުދަމާނިޒާމުގެ މަޝްރޫއު ނިންމައި، 5 ރަށެއްގެ އަމަލީ މަސައްކަތް ފަށައި، އަދި 25 ރަށެއްގެ ފެނާއި ނަރުދަމާ ގެ މަޝްރޫއު ފެށުމަށް އެމްޑަބްލިޔުއެސްސީން ވަނީ ތައްޔާރުވެފައެވެ.