ކޮވިޑް-19 ބަލިފަތުރާ ވައިރަހުގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ ޓީމު މި ޖެނުއަރީމަހުގެ 14 ވަނަ ދުވަހު އަންނާނެ ކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.
ޑަބްލިޔޫއެޗްއޯގެ ޓީމު އެންމެ ފުރަތަމަ ޗައިނާއަށް ދިއުމަށް ހަމަޖެހިފައި އޮތީ މިމަހުގެ ކުރީކޮޅުއެވެ.
އެހެން ނަމަވެސް، ތަޖުރިބާކާރުންގެ ޓީމުގެ ދަތުރު ފަސްކޮށްފައިވާ ކަމަށާއި، ދަތުރު ފަސްކުރީ، އެ ޓީމު ޗައިނާއަށް އެތެރެވުމުގެ ހުއްދަ ޗައިނާ ސަރުކާރުން ނުދިނުމުންކަމަށް ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް މިދިޔަ ހަފްތާގައި ވިދާޅުވެފައި ވެއެވެ.
އެހެން ނަމަވެސް، ޗައިނާ ސަރުކާރުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު އާންމުކުރި ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޑަބްލިޔޫއެޗްއޯގެ ޓީމު މިމަހުގެ 14 ވަނަ ދުވަހު ޗައިނާއަށް އަންނާނެ ކަމަށެވެ. ނަމަވެސް، ދަތުރުގެ އިތުރު ތފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޑަބްލިޔޫއެޗްއޯގެ ޓީމު ޗައިނާއަށް ދިޔަނަމަވެސް، އެ ޓީމު، ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން ސިޓީއަށް ޒިޔާރަތް ކުރާނެކަމެއް ނުވަތަ ނޫންކަމެއް ޗައިނާއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮވިޑް ވައިރަސްއާ ގުޅޭ ކަންކަމުގައި ޑަބްލިޔޫއެޗްއޯގެ 2 ބޭފުޅަކު މިދިޔަ 2020 ވަނަ އަހަރުގެ ޖުލައިމަހުވެސް ޗައިނާއަށް ޒިޔާރަތް ކުރައްވާފައި ވެއެވެ. ނަމަވެސް ވުހާން ސިޓީއަށް ވަޑައެއް ނުގަންނަވައެވެ.
ކޮވިޑް-19 ވައިރަސް 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު އެންމެ ފުރަތަމަ ފެނިފައިވަނީ ވުހާން ސިޓީގެ ސީފުޑް މާރުކޭޓަކުންނެވެ.
ވުހާންގެ އާންމު ރައްޔިތުން ބުނަމުންދަނީ، އެ ވައިރަސްއަކީ ވުހާން ސިޓީން ފެތުރު ވައިރަހެއް ނޫންކަމުގެ ޔަގީންކަން، ޑަބްލިޔޫއެޗްއޯގެ ޓީމުގެ ތަހްގީގުތަކުން ކަށަވަރުވާނެތީ އެމީހުން ކަންބޮޑުނުވާ ކަމަށެވެ.
ވުހާން ސިޓީގެ މީހުންވެސް އަދި ޗައިނާ ސަރުކާރުންވެސް ބުނަމުން ގެންދަނީ ކޮވިޑްބަލި ފަތުރާ ވައިރަސްއަކީ ވުހާން ސިޓީން ފެތުރެންފެށި ވައިރަހެއް ނޫން ކަމަށެވެ.
މިވައިރަސްގެ މައްސަލައިގެ ބައިނަލްއަގްވާމީ ތަހްގީގެއް ހިންގަން ޗައިނާއިން ކުރިން ގެންދިޔައީ ވަރަށް ބޮޑަށް ދެކޮޅުހަދަމުންނެވެ. ނަމަވެސް ފަހުން ބުނެފައިވަނީ، ޑަބްލިޔޫއެޗްއޯ އިސްވެ އޮވެ އަންނަ ޓީމަކުން އެފަދަ ތަހްގީގެއް ހިންގަން ދެކޮޅު ނޫން ކަމަށެވެ.