އެކްޓަރު ރިތިކް ރޯޝަން ފެނިގެންދިޔަ އެކްޝަން ފިލްމު "ބޭންގެ ބޭންގް އަދި ވޯރ" ގެ ޕްރޮޑިއުސަރުގެ ކުރިއަށްއޮތް ފިލްމުން ގިނަ ބައެއްގެ ހިތަށް އުފާވެރިކަން ގެނެސްދީފިއެވެ.
ޕްރޮޑިއުސަރ ސިދާރތް އާނަންދްގެ ކުރިއަށް އޮތް ފިލްމު "ފައިޓަރ" އިން ރިތިކްއާ އެކީގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ކާމިޔާބު އެކްޓްރެސް ދިޕިކާ ޕަދުކޯންއެވެ.
މިކަން ފިލްމުގެ ޓީމުން އިއުލާނު ކޮށްފައިވަނީ ރިތިކްގެ އުފަންދުވަހާ ގުޅުވައިގެން ރަސްމީކޮށް ބެލުންތެރިންނާ ހިއްސާކުރި މެސެޖަކުންނެވެ.
މިއީ ދިޕިކާއާއެކު ރިތިކް ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ހަމަގައިމުވެސް މިދެތަރިންގެ ސަޕޯޓަރުންނަށް މިއީ ލިބިގެންދާނެ ވަރަށްވެސް އުފާވެރި ހަބަރެކެވެ.
ރިތިކް މިހާރުވަނީ މިފިލްމުގެ ޝޫޓިންގް ފެށުމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައެވެ.
ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ރިތިކް ބުނެފައިވަނީ ސިދާތްގެ ކުރިއަށް އޮތް ފިލްމު ކުޅެންވެސް އޭނާ ހިޔާރުކުރުމުން އެކަމާ ވަރަށް ފަހުރުވެރިވާ ކަމަށެވެ. ސަބަބަކީ މީގެކުރިންވެސް ސިދާތުއާއެކީ ވަރަށް ކާމިޔާބު ދެފިލްމެއް އޭނާ ކުޅެފައިވުމުންނެވެ.
އަދި އެކްޓަރުންނަކީ އަބަދުވެސް ތަފާތު އާ ކަންތައްތައް ތަޖުރިބާކުރަމުންދާ ފަރާތްތަކެއް ކަމުން، މިދަތުރުގައިވެސް ކާމިޔާބު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރު ސިދާރތްގެ ފަރާތުން ފިލްމީ ދާއިރާގެ ގިނަ ކަންތައްތަކެއް އޭނާއަށް ތަޖުރިބާކުރެވި ދަސްވާނެތީ އެކަމާ އުފާކުރާކަމަށް ކާމިޔާބު އެކްޓަރުވަނީ ބުނެފައެވެ.
ބަތަލާ ދިޕިކާވަނީ ދާދިފަހުން އޭނާގެ އުފަންދުވަހާ ގުޅުވައިގެން ކުރި ޓްވީޓެއްގައި މިފިލްމާ ގުޅޭނެކަމުގެ އިޝާރާތެއް ކޮށްފައެވެ.
ބެލެވޭގޮތުގައި ދިޕިކާ ބޭނުންވީ މިހަބަރު ރިތިކްގެ އުފަންދުވަހު އޭނާގެ ފޭނުންނާ ހިއްސާކުރުމަށެވެ.
މިދެތަރިން އެކީގައި ސިދާރތްގެ ފިލްމެއްގައި މަސައްކަތްކުރުމަށް ހަމަޖެހިގެންދިއުމަކީ ކާމިޔާބު ޑައިރެކްޓަރު އެންމެ ދެކެން ބޭނުންވި ދުވަސްކަމުގައި އޭނާ ބުނެފައިވާއިރު، މިފިލްމަކީ ރިތިކްގެ މުޅީން ތަފާތު ކުރިއަށްވުރެ ވަރުގަދަ އެކްޝަން ސީންތަކެއް ފެނިގެންދާނެ ފިލްމެކެވެ.
މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭގައެވެ.