ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެއްވެސް ހާއްސަ ހުއްދައެއްނެތި ށ.ފުނަދޫއަށް ފޭބި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ވީނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ، ޖާބިރު ދަތުރުކުރައްވަމުންދިޔަ ސަފާރީ ފުނަދޫ ކައިރީގައި އޮތްކަމުގެ މައުލޫމާތު ލިބިގެން ހާއްސަ ހުއްދައެއް އެއްވެސް ފަރާތަކުން ދީފައިވޭތޯ ބަލާފައިވާނެ ކަމަށެވެ.

އެފަދަ އެއްވެސް ހުއްދައެއް ނެތުމުން ރަށަށް ނުފޭބޭނެ ކަމަށް ކައުންސިލްގެ ފަރާތުން ޖާބިރަށް އެންގި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ޖާބިރު ރަށަށް ފޭބި ކަމަށާއި، އެރަށުގެ ކާރެއްގައި އެކި ތަންތަނަށް ދަތުރުކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ށ. ފުނަދޫ ހޮސްޕިޓަލް މެނޭޖަރ އަހުމަދު ޒުމްރަތު ވިދާޅުވީ، ޖާބިރު ރަށުތެރެއަށް ފައިބައިގެން އުޅުއްވާކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުން ދިޔުމުން ޖާބިރު ވަޑައިގެން އުޅުއްވަނީ ހާއްސަ ހުއްދައެއްގެ ދަށުންތޯ ބަލާފައިވާ ކަމަށެވެ.

އެހެންނަވެސް އެފަދަ އެއްވެސް ހުއްދައެއްނެތި އުޅުއްވާތީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ޒުމްރަތު ވިދާޅުވިއެވެ. އަދި މިމައްސަލަ އެޗްޕިއޭއަށްވެސް ހުށަހަޅާނެ ކަމަށް ޒުމްރަތު ވިދާޅުވިއެވެ.

މިކަމާގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖާބިރު ފުނަދޫއަށް ފައިބާވަޑައިގެން އެރަށުގެ ބައެއް މީހުންނާއެކު ނަގާފައިވާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުން ޖާބިރު ހުންނެވީ މާސްކުވެސް ނާޅުއްވައެވެ. މިކަމާ ގުޅިގެން ފުނަދޫ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ ހާއްސަ އުސޫލެއް އެޗްޕިއޭއިން ވަނީ އެކުލަވާލާފައެވެ.

އެގޮތުން މާލެއިން އެހެން ރަށަކަށް ދާނަމަ ނަގަންޖެހޭ ހުއްދަތަކެއް ހުރެއެވެ. އަދި 10 ދުވަހުގެ ކަރަންޓީނު މުއްދަތުވެސް ފުރިހަމަ ކުރަންޖެހެއެވެ.

ދައުލަތުގެ އިސްވެރިން ރަށްރަށަށް ދާނަމަވެސް ދެވެނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.