މިއީ، މިދިޔަ ހޮނިހިރު ދުވަހު ކުއްލިގޮތަކަށް މިދުނިޔެ ދޫކުރި މަރުހޫމް އަހުމަދު ފައުޒާން ހަސަންއާ ބެހޭގޮތުން، އޭނާގެ އެތުލެޓިކްސް ހެޑް ކޯޗު އަލީ ޝަރީފް ބުނެލި ކުޑަ ބަސްކޮޅެކެވެ.
އަހްމަދު ފައުޒާން ހަސަން ކުއްލިގޮތަކަށް ނިޔާވީ، އޭނާ ތައުލީމް ހާސިލްކުރަމުންދާ ސްކޫލަށާއި އަދި މުޅި ފުވައްމުލައް ސިޓީއަށް އެތުލެޓިކްސްއިން ރަން ވަނަތަކެއް ހޯދައިދިނުމުގެ ފޮނި އުންމީދުތަކެއްގައި ހުއްޓައެވެ.
އެތްލެޓިކްސް އެސޯސިއޭޝަން ރީޖަނަލް ޓްރެއިނިންގ ސެންޓަރުގެ ހެޑް ކޯޗު ކަމުގެ މަގާމުގައި ހުރި އަލީ ޝަރީފަށް ފައުޒާންގެ ކިބައިގައި ހުރި މޮޅު ހުނަރު ލޮލުގައި އަޅައިގަތީ އޭނާ ގްރޭޑް 6 ނުވަތަ 7 ގައި ކިޔަވަމުންދަނިކޮށް ފުވައްމުލަކު ސްކޫލުގައި އޮތް އެތްލެޓިކްސް މުބާރާތެއްގެ ތެރެއިންނެވެ. އޭރު ފައުޒާންގެ އުމުން ވާނީ 12 ނުވަތަ 13 އަހަރެވެ.
އެ މުބާރާތުގެ ތެރޭގައި، ފައުޒާން ކުރެން މޮޅު އެތުލީޓަކަށްވާން ބޭނުންތޯ ކޯޗު ސުވާލުކުރުން ފައުޒާން އެދުވަހު ދިން ޖަވާބަކީ ކޯޗެއް ލިބިއްޖެނަމަ އެތްލެޓިކްސްގައި ކުރިއަށްދާން ބޭނުންވާ ވާހަކައެވެ.
ދާއިމީކޮށް ޓްރެއިނިން ލިބޭނަމަ އެތްލެޓިކްސްގައި ކުރިއަށްދާން ބޭނުންވާ ވާހަކަ ކޯޗް އަލީ ޝަރީފްގެ ގާތުގައި ފައުޒާން ބުނެފައިވަނިކޮށް އޭގެ އަހަރެއްހާ ދުވަސްފަހުން ފުވައްމުލަކުގައި އެތްލެޓިކްސް ޓްރެއިނިންގ ޕޮރްގްރާމެއް ބޭއްވިއިރު، ފައުޒާން އަކީ އެންމެ ޝައުގުވެރިކަން ހުރެ އެ ޓްރެއިނިންގައި ބައިވެރިވި ކުއްޖެއް ކަމަށް ވީނީއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ކޯޗު ބުންޏެވެ.
ނިޔާވުމާ ހަމައަށް ފައުޒާންއަކީ އެތްލެޓިކްސް އެސޯސިއޭޝަންގެ ޕޫލުގައި ހިމެނޭ ކުއްޖެއްކަން ފާހަގަކޮށް އަލީ ޝަރީފް ބުނީ ފައުޒާންގެ ހުވަފެނަކީ ކިޔަވަމުންދާ ސްކޫލާއި މުޅި ރަށަށް ރަން ވަނަތަކެއް ހާސިލްކޮށްދިނުމަށް ދުރާލާ މަސައްކަތް ކުރުން ކަމަށެވެ.
ކޯޗު ބުނީ، ފައުޒާންގެ ކިބައިން އެންމެ ބޮޑަށް ފާހަގަވަނީ ޓާސްކެއް މިވެނި ވަރަކަށޭ ބުނެފިނަމަ އިތުރަކަށް އެކަމެއް ބަލާކަށް ނުޖެހޭ ކަމަށާއި އެކަމެއް އޭނާ ކުރާނެ ކަމަށާއި އޭނާއަކީ އެ ޓާގެޓަށް ރީޗްވާން ދަންނަ ކުއްޖެއް ކަމަށެވެ.
ޓްރެއިނިންގްތަކުގައި އެހެން ކުދިން ވަރުބަލިވުމުން އެކުދިން ގޮވައިގެން ކޮންމެ ދުވަހަކަށް ކަނޑައަޅާފަ އޮންނަ ބައިތައް ފުރިހަމަ ކުރުމަށް ފައުޒާން އަކީ ނަމޫނާ ދައްކާ ކުއްޖެއްގެ ގޮތުގައި ސިފަކޮށް ކޯޗު ބުނީ މިހާތަނަށް އައިއިރު ފައުޒާންގެ ރެކޯޑްތަކުން އޭނާއަށް ފުރިހަމަ ނުވާ އެންމެ ދުވަހެއްވެސް ނެތް ކަމަށެވެ.
ފައުޒާން ދުނިޔޭގައި ނެތުމުގެ ދެރަ އިހުސާސް ކުރަމުންދާ އޭނާގެ ކޯޗު ބުނީ، ފައުޒާން އަކީ ދުވަހެއް ދުވަހަކަށް ކުރިއެރުން ހޯދަމުން އަދީ ކުރިއެރުން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރި ހިތްވަރުގަދަ ކުއްޖެއް ކަމަށެވެ.
ސްކޫލް ލެވެލްގަ ފައުޒާން އަކީ 200/400 ކިލޯމީޓަރުގެ ޗެމްޕިއަން ކަމަށާއި އޭނާގެ ޓާގެޓަކަށްވެފަ އޮތީ އިންޓަރ ސްކޫލްގެ ޗެމްޕިއަންކަން ހޯދުންކަން ކޯޗު ފާހަގަކުރިއެވެ. ކޯޗު އިތުރަށް ބުނީ ފައުޒާންގެ ޓާގެޓަކީ ހަމައެކަނި މިއަދުގެ ޓާގެޓެއް ނޫން ކަމަށާއި އެއީ ލޯންގްޓާރމް ޓާގެޓެއް ކަަމަށެވެ.
ކިޔެވުމަށްވެސް މޮޅު ކުއްޖެއްގެ ގޮތުގައި ފާހަގަވާ ފައުޒާންއާ ދޭތެރޭ އޮތް އިތުބާރެއްގެ ބޮޑުކަމުން ކޯޗުވެސް ފައުޒާންގެ އަތްމައްޗަށް ވަރަށް ގިނަ ކަންކަން ދޫކުރިއެވެ. އެގޮތުން އެހެން ކުދިން ތަމްރީން ކުރުމުގެ ފުރުސަތުދިނުން ހިމެނެއެވެ. އެތްލެޓިކްސް ދާއިރާގެ ލީޑަރޝިޕް ހުނަރުގެ އިތުރުން ހުރިހާގޮތަކުން ފައުޒާން ތައްޔާރު ކުރަމުންދިޔަކަން ކޯޗު ފާހަގަކުރިއެވެ.
ފައުޒާން އަކީ މެނޭޖަރަކަށް ނުވަތަ ކޯޗަކަށްލާން ބޭނުންވިޔަސް އެ ހުރިހާ ކަމަކަަށް ފެތޭނެ ކުއްޖެއް ކަމަށާއި އޭނާއަކީ މޮޅު ލީޑަރެއްކަަމަށް ކޯޗް އަލީ ޝަރީފް ބުންޏެވެ.
ޕްރެކްޓިސް ގަޑިއަށް ކަމޭހިތައިގެން ގަޑިއަށް އަންނަ ފައުޒާންގެ އިންތިޒާރުގައި މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ވަންދެން ކޯޗް ހުއްޓެވެ. ކުދިންތަކެއް ގެނބިގެން އުޅޭ މައުލޫމާތު ކޯޗަށް ދިނީ ބެލެނިވެރިއެކެވެ.
ގެނބިގެންއުޅޭ ކުދިންގެ ތެރޭގައި ފައުޒާންވެސް ހިމެނޭ ހަބަރު ލިބުމާއެކު ޕްރެކްޓިސް ހުއްޓާލުމަށްފަހު ކޯޗްވެސް ވަގުތުން ދިޔައީ އެ ސަރަހައްދަށެވެ.
ކޯޗް އަލީ ޝަރީފަކީ ޕްރެކްޓިސްއެއް ދޫކޮށްލާފައި އެހެންތާކަށް ނުދާ ކޯޗެކެވެ. އެކަމަކު ހޮނިހިރު ދުވަހުގެ ހާދިސާއާ ގުޅިގެން އަލީ ޝަރީފް ވަގުތުން ދެވުނީ މާނޭރެ ސަރަހައްދަށް ދިޔައެވެ.
ބައްޕައެއްގެ ގާތުން ދަރިއެއް ވަކިވެގެން ދިޔަފަދަ އިހުސާސް އަދިވެސް ކުރަމުންދާ ކޯޗު އަލީ ޝަރީފް ބުނީ ޕްރެކްޓިސް ޓީމްގެ ކުދިން ރިކަވަރއަށް މޫދަށް ހުކުރު ނުވަތަ ހޮނިހިރު ދުވަހު ދާ ކަމަށެވެ. އެގޮތަށްދާ ފަހަރުތަކުގައި ފޮޓޯ ނެގުމާއި ފަރުމަތީގައި އުޅުންކަހަލަ ކަންކަން އެކުދިން ކުރާ ކަމަށް އަލީ ޝަރީފް ބުންޏެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ޕްރެކްޓިސްއަށް އައުމުގެކުރިން ޓީމުގައި ހިމެނޭ ބައެއް ކުދިން މޫދަށް ދިޔައީކަމަށް އަލީ ޝަރީފް ބުންޏެވެ.
ޓީމުގައި ހިމެނޭ 2 ކުދިން ގެނބެން ފެށުމާއެކު ފައުޒާން އެކުދިން ސަލާމަތްކޮށް އެކުދިން ފަރުމަށްޗަށް ގެނައިފަހުން ޖެހި ރާޅަކާއެކު ފައުޒާން އޮޔާއެކު ދަމައިގެން ބޭރަށް ގެންދިޔައީ ކަމަށް ކުދިންގެ ވާހަކަތަކުން އެނގޭކަމަށް ކޯޗު ބުންޏެވެ.
ފައުޒާން ނެތުމުގެ ފަޅުކަން ހިއްސާކޮށް ކޯޗު އަލީ ޝަރީފް ބުނީ ހާދިސާއިން މެންޓަލީ އަރައިގަންނަން ވަރަށް ވަގުތު ނަގާނެ ކަމަށެވެ.
ފައުޒާން އޭނާގެ ކުރިމަގާ ދޭތެރޭ ކުރަމުންދިޔަ އުންމީދުތަކުގެ ތެރޭގައި ފުވައްމުލަކުގައި ޔޫތު މިނިސްޓްރީން އަޅާ ސިންތެޓިކް ޓްރެކުގައި ދުވުމާއި އަދި މުސްތަގުބަލުގައި ކޯޗެއްގެ ގޮތުގައި ހުރުމަކީ އޭނާ ވަރަށް ބޮޑަށް ކުރަމުންދިޔަ އުންމީދެއްކަމަށް ކޯޗު ބުންޏެވެ.
އުމުރުން އެންމެ 17 އަހަރުގެ ފައުޒާން ކުޅިވަރުގެ ދާއިރާއިން ކުރި އުންމީދާއި ހަމައަށް ވާސިލްނުވެ މިދުނިޔެއާއި ވަކިވެގެންދިޔައީ މުޅި ގައުމު ރޮއްވާލާފައެވެ.
އެކަމަކު، އޭނާގެ ކުރު ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ކުރި ހިތްވަރުގަދަ އިންސާނިއްޔަތުގެ ފުރިހަމަ ގުރުބާނީއަށް ތައުރީފް ނުކުރާމީހެއް މިރާއްޖެއަކު ނެތެވެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން، ދައުލަތާއި، ސަރުކާރުގެ ވެރިންނާއި، އާންމު އެތައްހާސް ބަޔަކުވެސްވަނީ ފައުޒާންއަށް ތައުރީފްކޮށްފައެވެ. އޭނާގެ ވަރުގަދަ ކަމަށް ސާބަސްދީފައެވެ.
ﷲ ސުބުޙާނަޙޫ ވަތައާލާ ފައުޒާންގެ ފުރާނަޔަށް ރަޙުމަތް ލައްވާށި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި އާމީން.....