ދިވެހިރާއްޖޭގެ ރީތިކަމުގެ ވާހަކައަކީ އެވާހަކައެއް އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ. މީގެކުރިންނަމަ ރާއްޖޭގެ ރިސޯޓުތަކުގެ ރީތި ވާހަކައެވެ. ރީތި ސާފު މޫދުތަކާއި، ދޮންވެލި ތުނޑިތަކުގެ ވާހަކައެވެ. ރީތި ފަރުތަކާއި މުރަކަތަކުގެ ވާހަކައެވެ. އެ ފަރުތަކުގައި އުޅޭ ރީތި މަސްމަހާމެހީގެ ވާހަކައެވެ. ރާއްޖޭގެ ރަށްރަށުގެ ބޭރުން ނަގާ ބޮޑެތި ރާޅުތަކުގައި ރަޅާއަޅާލުމުން ލިބޭ އުފާވެރިކަމުގެ ވާހަކައެވެ.

އެހެންނަމަވެސް ޒަމާނާ އެއްގޮތަށް މީހުންގެ ވިސްނުންތައްވެސް ބަދަލުވެ، މިހާރު ރާއްޖޭގައި ރީތިކަމާއި، ހިތްގައިމުކަމަށް ފާހަގަކޮށްލެވޭ އެހެން ކަންކަން ފެންނާން ފަށައިފިއެވެ. އެ ރީތިކަމުން ދިވެހީންވެސް އުފާ ލިބިގަންނަން ފަށައިފިއެވެ.

ރާއްޖޭގެ ރަށްރަށުގެ ކުޅިތަކާއި، ޗަސް ބިންތަކުގައި ހިތްގައިމުކޮށް ހަދާފައިވާ ނޭޗާރ ޕާކުތަކަކީ މިހާރު ވަރަށް ފާހަގަކޮށްލެވޭ ތަންތަނެވެ. މީގެތެރެއިންވެސް މިފަހުން ނ. ލަންދޫގައި ހުޅުވި، ކުޅިދޮށުޕާކަކީ ފާހަގަކޮށްލެވޭ، ބޮޑު، ރީތި އަދި ހިތްގައިމު ޕާކެކެވެ.

ރަށުގެ ޒުވާނުންގެ ވިސްނުމާއި، މަސައްކަތުން ކައުންސިލްގެ އެހީތެރިކަމާއެކު ދެމަސް ދުވަހުން ނިންމި މި ޕާކު މިމަހުގެ އެއްވަނަދުވަހު ހުޅުވިއިރު، އާންމުންނަށް ހުޅުވާލިތާ ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުން 2،000 އަށް ވުރެ ގިނަމީހުން ޕާކު ބަލާލުމަށް ލަންދޫއަށް ޒިޔާރާތްކުރުމަކީ މިޕާކަކީ ރީތި، ހިތްގައިމު ޕާކެއްކަން ފާހަގަކުރެވޭ ކަމެކެވެ.

ތިމާވެއްޓާ ރަށްޓެހިގޮތަށް ދިވެހި ވަންތަކޮށް ފަރުމާކޮށްފައިވާ މިޕާކުގައި ތިން ފާލަމެއް ހިމެނެއެވެ. ތިން ފާލަމުން ގޮސް ތަފާތު ތިން ވަށްބުރަކަށް ދެވޭއިރު، މި ތިން ވަށްބުރަށްވެސް ތަފާތު ނަންތަކެއް ދީފައިވެއެވެ. އެއީ އުނދޯލިވަތި، ފަހިވެނި އަދި ފަހި ބުރެވެ.

މުޅި ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއެކުު، މިމަސައްކަތް އެންމެ ފުރަތަމަ ފެށީ" ޒީރޯ ބަޖެޓް" އަކުންނެވެ. އެހެންނަމަވެސް ޒުވާނުންގެ އަތުން ފައިސާ ނަގައިގެން 5000 ރުފިޔާ ހަމަކޮށް، އަދި ރިޒޯޓުތަކުގައި މަސައްކަތްކުރާ ލަންދޫ ޒުވާނުންގެ ފައިސާގެ އެހީވެސް މިމަސައްކަތަށް ލިބުނެއެވެ.

"ބަތްޕެން ކިލާގަނޑު" ގެ ނަމުގައި ރަށަށް މަޝްހޫރު ބިމުގައި ޕާކް ހަދާފައިވާއިރު، މބިމަކީ މީހުން އުޅޭ ސަރަހައްދާ 1،200 ފޫޓް ދުރުގައި އޮންނަ ބިމެކެވެ. ގޮނޑު ދޮށާ ދިމާލުން ބޭރުގައި ގުދުރަތީގޮތުން ހެދިފައި އޮންނަ މިބިމުގައި ވަށައިގެން ގަސްތައް ހެދިފައި ހުރުމަކީ ޕާކުގެ ރީތިކަން އިތުރުކޮށްދޭ ކަމެކެވެ. ގުދުރަތީ ރީތިކަމުގެ އިތުރުން ރޭގަނޑުގެ ވަގުތުތަކުގައި ޕާކަށް އިތުރު ރީތިކަމެއް ގެނުވަނީ ދިއްލާލާފައިވާ އެކި ކުލަތަކުގެ ބޮކިތަކުންނެވެ.

މި މަސައްތަކުގައި ޒުވާނުންނާއެކު ވަރަށް ގާތުން މަސައްކަތްކުރި ފަރާތެއް ކަމަށްވާ އަބްދުލް އަޒީޒް މުހައްމަދު ބުނީ، ލަންދޫގެ ނޭޗަރ ޕާކް ފަރުމާކުރުމުގައި ބޮޑަށް ވިސްނީ ދިވެހިވަންތަ ގޮތްތަކެއް ބޭނުންކުރުމަށް ކަމަށެވެ. ޕާކު ހެދިއިރު، އެސަރަހަށްދުން އެއްވެސް ގަހެއް ކަނޑާފައި ނުވާނެކަަމަށް އޭނަ ބުންޏެވެ.

"މިތަން ހެދިއިރު އެއްވެސް ގަހެއް މިތަނުން ކަނޑާފައެއް ނުވާނެ. ދެން އިތުރަށް މިތަން ތަރައްގީކުރުމުގެ ވިސްނުން އެބަހުރި. އޭރަށްވެސް ތިމާވެއްޓައް ގެންލުން ނުވާނެހެން މިތަން މިތަނުގެ ގޮތުގައި އޮންނާނެ ފަދަ ގޮތަކަށް އަޅުގަނޑުމެން މިތަން ތަރައްގީކުރާނީ. އިރާދަކުރެއްވިއްޔާ މިއހަރުވެސް އަދި މީގެ އިތުރު ތަނެއް ލަންދޫގައި ފެނިގެންދާނެ"
އަބްދުލް އަޒީޒް މުހައްމަދު

ވީނިއުސްއަށް މައުލޫމާތު ދެމުން، ޕާކު ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނެއްކަމަށްވާ އަހްމަދު ރަޝީދު ބުނީ، އެހެން ރަށްރަށުން އެރަށައް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެއްވެސް ދައްޗަކާ، އުނދަގުލަކާ ނުލާ ޕާކު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ޕާކުގެ ސާފުތާހިރުކަމާއި، މަރާމާތުކުުރުމުގެ ކަންކަން ބަލަހައްޓާނީ ޕާކު ހެދުމުގައި ހަރަކާތްތެރިވި ޒުވާނުން ކަމަށްވެސް އަހްމަދު ރަޝީދު ބުންޏެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ލަންދޫގެ ކައުންސިލް މެމްބަރު އަބްދުﷲ އާރިފް ވިދާޅުވީ ޕާކު ހެދުމުގައި ބޮޑަށް ގުތުރަތީ ރީތިކަމަށް ވިސްނާފައިވާ ކަމަށެވެ.

އެގޮތުން އެސަރަހަށްދަކީ މަގޫގަސް ވަރަށްގިނަ ސަރަހައްދެންކަން ފާހަގަކުރައްވާ އާރިފް ވިދާޅުވީ، ޕާކު ސަރަހަށްދު އިތުރަށް ރީތި ކުރުމުގެ ގޮތުން އެވަގުތު ރަށުގައި ނެތް ވައްތަރުތަކުގެ މަގޫގަސްތަކައި، އިތުރު ކުއްޅަވަ ގަސްތައްވެސް އެސަރަހަށްދުގައި އިންދާފައިވާ ކަމަށެވެ.

"ޕާކު ހަދަން އަޅުގަނޑުމެން ބޭނުންކޮށްފައި ހުރި ލަކުޑި ފަދަ އެއްޗިއްސަކީ ހަމަ އެއްވެސް އެއްޗެއް ގަނެގެން ބޭނުންކޮށްފައި ހުރި އެއްޗިއްސެއް ނޫން. ހަމަ ރަށުން ލިބެން ހުރި އެއްޗެހި ބޭނުންކޮށްގެން ހަމަ ޕާކު މި ނިންމީ. "
ލަންދޫގެ ކައުންސިލް މެމްބަރު އަބްދުﷲ އާރިފް

އާރިފް އިތުރަށް ވިދާޅުވީ، ލަންދޫގެ ޕާކް ހުޅުވިއިރު، ރާއްޖޭގެ ރަށްރަށުގެ މީހުންގެ ތަރުހީބު ލިބި، އެތަން ބަލާލުމަށް އެހާ ގިނަ މީހުން އެއްފަހަރާ އަންނާނެކަމަށް އުންމީދެއް ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ޕާކު ހުޅުވައި މަދު ދުވަސްކޮޅެއްތެރޭ އެހާ ގިނަމީހުން ރަށައް ޒިޔަރާތްކުރުމުން އުފާކުރައްވާ ކަމަށެވެ.

ކުއްޅަވަކަށް މަޝްހޫރު ލަންދޫގެ ޕާކު ބަލާލުމަށް އެރަށައް ޒިޔާރަތްކުރާ ފަރާތްތައް ތަޖުރިބާކޮށްލުމަށް ފާހަގަކޮށްލެވޭ އެހެން ކަންތައްތައްވެސް އެބަހުއްޓެވެ. އެގޮތުން ކުއްޅަވަކުން އެރަށު ރައްޔިތުން ހަދާ ތަފާތު ބުއިން ތަކަކީ ފާހަގަކޮށްލެވޭ ބުއިންތަކެކެވެ. އޭގެތެރޭގައި ރަށަށް އަންނަ މެހެމާނުންނަށް ހާއްސަކޮށް "ވެލްކަމް ޑްރިންކް" ގެ ގޮތުގައި ތައްޔާރުކޮށްފައި ހުންނަނީ އެރަށު ރައްޔިތުންގެ އަމިއްލަ އުފެއްދުންތަކެވެ. މީގެތެރެގައި ކުއްޅަވައް މޮހީޓޯ އާއި ކުއްޅަަވައް ފަންޏަކީ ފާހަގަކޮލެވޭ ބުއިންތަކަކެވެ.

ލްނަދޫގެ އެކި ސަރަހަށްދުތައް. ފޮޓޯ/ ސޯޝަލް މީޑިއާ

1،100 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ލަންދޫ މިހާރު ރާއްޖެއަށް މަޝްހޫރު ވެފައި އޮންނަނީ، ކުޅިދޮށު ޕާކާއި، ކުއްޅަވަކުންނެވެ. އެހެންނަމަވެސް އެރަށު ރައްޔިތުންގެ އުންމީދަކީ، ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް އެރަށުގެ ރީތިކަން ދައްކާލާ، ރަށުގައި ލޯކަލް ޓުއަރިޒަމް އަވަސް މުސްތަގުބަލެއްގައި ފެށުމެވެ.