ކާމިޔާބު ވެބް ސީރީޒް "ސޭކްރެޑް ގޭމްސް" އުފެއްދި ޑައިރެކްޓަރުގެ ކުރިއަށް އޮތް ވެބްސީރީޒް ކުޅެން ބަތަލާ އަދިތީ ރާއޯ އެއްބަސްވެއްޖެކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ.

އަދިތީއާއެކު މިވެބް ސީރީޒްއިން ފެނިގެންދާނީ ކާމިޔާބު ބެންގާލީ އެކްޓަރު ޕްރޮސެންޖީތް ޗެޓަރޖީކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުން މިވެބް ސީރީޒްގެ ވާހަކަ ބިނާކުރާނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ދިމާވާ ވާދަވެރިކަމުގެ ހާދިސާތަކުގެ މައްޗަށެވެ.

8 ނުވަތަ 9 އެޕިސޯޑުގެ މައްޗަށް ބިނާކޮށް އުފައްދާ މިސީރީޒްގައި ބޮޑަށް ދައްކުވައިދޭނީ މީގެ 40 އަހަރު ކުރިން ހިނގާފައިވާ ހާދިސާތަކުގެ އިތުރަށް ކުރިއަށްއޮތް 40 އަހަރުތެރޭ ފިލްމީ އިންޑަސްޓްރީއަށް އަންނާނެކަމަށް ބެލެވޭ ބަދަލުތަކެވެ.

ބަތަލާ އަދިތީއާ އެކްޓަރު ޕްރޮސެންޖީތްގެ އިތުރުން މިސިރީޒްއާ ގުޅޭނެ އިތުރު ކާސްޓިންގް މައުލޫމާތު ކުރިއަށް އޮތްތަނުގައި ހާމަކުރާނެކަމަށް އިންޑިއާގެ މީޑިއާއިން ބުނެފައިވެއެވެ.

އަދި ވަކި ނަމެއް ހަމަނުޖެހޭ މިވެބް ސީރީޒްގެ ޝޫޓިންގެ މިދިޔަ އަހަރުތެރޭ ފެށުމަށް މީގެކުރިން ޓީމުން ނިންމި ނަމަވެސް ކޮވިޑް ޕެންޑަމިކްގެ ސަބަބުން އެމަސައްކަތްވަނީ ހުއްޓުމަކަށް އައިސްފައެވެ. މިސީރީޒްގެ މަސައްކަތް ދެން ފެށޭނެކަމަށް ބެލެވެނީ މިއަހަރުގެ މާރޗް ނުވަތަ އޭޕްރީލް މަހުގެތެރޭގައެވެ.

ބަތަލާ އަދިތީ ރާއޯ ކުޅެފައިވާ 3 ފިލްމެއް މިދިޔަ އަހަރުތެރޭވަނީ ރިލީޒްކޮށްފައެވެ. އެއީ ސައުތް ފިލްމު އިންޑަސްޓްރީގެ ފިލްމު "ސައިކޯ، ސޫފިޔަމް ސުޖާތަޔަމް" އަދި ފިލްމު 'ވީ" އެވެ. މީގެތެރެއިން ފިލްމު "ސޫފިޔަމް ސުޖާތަޔަމް" އަދި "ވީ" ރިލީޒްކޮށްފައިވަނީ އެމޭޒަން ޕްރައިމްއިންނެވެ.

އަދިތީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިންދީ ފިލްމު "ވަޒީރު" އަދި "ބޫމީ" ހިމެނެއެވެ.

މީގެ އިތުރުން ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމަވާތް"ގައި އަދިތީ ކުޅެފައިވާ ރޯލަށް ގިނަ ބައެއްގެ ތަރުހީބުވަނީ ލިބިގެންގޮސްފައެވެ.