ވިޒިޓް މޯލްޑިވްސް އިން ފްރާންސްގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވަލް އެޖެންސީ (އޯޓީއޭ)، އޮޑީޖިއޯއާއެކު ސޯޝަލް އަދި ޑިޖިޓަލް މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭންގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެ ފްރާންސްގައި އިޝްތިހާރުކޮށް، ކުރިއަށްއޮތް ދުވަސްތަކުގައި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުކުރުމަށް އޯޓީއޭތަކާ ގުޅިގެން އެގައުމުގެ ރައްޔިތުން ޗުއްޓީ ހޭދަކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުން ކަމަށެވެ.

މި ކެމްޕެއިންގެ ދަށުން އޮޑީޖިއޯގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރެވިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އެގޮތުން މަހެއްގެ މައްޗަށް 1.6 މިލިއަން މީހުން ޒިޔާރަތްކުރާ އޮޑީޖިއޯގެ ވެބްސައިޓްގައި ދިވެހިރާއްޖެ އަށް ޙާއްސަ މައިކްރޮސައިޓެއް އެކުލަވާލާފައިވާއިރު، މި މައިކްރޮސައިޓް މެދުވެރިކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ތަފާތު ކަންކަން ދައްކުވައިދެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

މީގެތެރޭގައި ހަމައެކަނި ރާއްޖެއަށް ހާއްސަ ތަޖުރިބާތަކާއި ރާއްޖޭގެ ތާރީހާއި ސަގާފަތުގެ މައުލޫމާތުގެ އިތުރުން ދިވެހި ކެއުންތަކާ ބެހޭ މައުލޫމާތުވެސް ލިބެންހުންނާނެއެވެ. އަދި ފްރާންސުން ފަތުރުވެރިންނަށް ރާއްޖެ ޒިޔާރަތްކުރެވޭނެ ފްލައިޓްތަކުގެ މައުލޫމާތާއި ރާއްޖޭގައި ހުރި ފަތުރުވެރިންނަށް ހިދުމަތްދޭތަންތަނުގެ މައުލޫމާތުތައް ވެސް ލިބެން ހުންނާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި މައިކްރޯސައިޓްގެ އިތުރުން އޮޑީޖިއޯގެ ވެބްސައިޓަށް ޒިޔާރަތްކުރާ މީހުންނަށް ރާއްޖެއާ ބެހޭ މައުލޫމާތާއި، އްޖެއަކީ މިފަދަ ދަނޑިވަޅެއްގައި ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލަށްވާ ސަބަބުވެސް ބުނެދެވިގެންދާނެ ކަމަށެވެ.

ދިވެހިރާއްޖެ ރައްކާތެރި އަދި މަގުބޫލު ފަތުރުވެރި މަންލިއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް އިން މިދިޔަ އަހަރުވެސް ވަނީ ފްރާންސްގައި ގިނަހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އޯޓީއޭތަކާ އެކު ކުރިއަށް ގެންދިޔަ ޑިޖިޓަލް ކެމްޕޭނާއި މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕެއް ހިމެނެއެވެ.

އަދި ފްރާންސް މާކެޓަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ލަގްޒަރީ ފެއާ ކަމުގައިވާ އައިއެލްޓީއެމް ވޯލްޑް ޓުއަރގައި ބައިވެރިވުމުގެ އިތުރުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އެންމެ ބޮޑެތި މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މީޑީއާ ކެމްޕޭންވެސް ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ވަނީ މިއަހަރު ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައެވެ. މީގެތެރޭގައި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޓުއަރ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް އޭޖެންޓުންނާއި އެކު ޖޮއިންޓް ކެމްޕޭންތަކެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ފެމް ޓްރިޕްތަކާއި ފެއާ އަދި ރޯޑްޝޯގެ އިތުރުން ޑިޖިޓަލް މާކެޓިން ހަރަކާތްތައްވެސް ހިމެނޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

2019 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު ފްރާންސް ހިމެނެނީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ފަތުރުވެރިން ހިމެނޭ ގައުމުތަކުގެ ތެރެއިން 7 ވަނައިގައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވާލިފަހުން އެގައުމުން ވަނީ 5،677 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ކޮވިޑް-19 ގެ ކުރިންއޮތް އަދަދަށް ގެންދިޔުމަށްޓަކައި ފްރާންސް ވެގެން ދާނީ މުހިއްމު އެއް މާކެޓަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.