ހޮނިހިރު ދުވަހު އިންޑޮނީޝިއާގެ ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ މަތިންބޯޓެއް ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޙަމްދަރުދީ ފާޅުކުރައްވައިފިއެވެ.

އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއަށް މިނިސްޓަރ ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި ވިދާޅުވީ ޖެނުއަރީ 9 ވަނަ ދުވަހު ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ ޖާވާގެ އައްސޭރި ފަށަށް ސްރިވިޖާޔާ ފްލައިޓް އެސް.ޖޭ 182 ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވި ޚަބަރު އެއްސެވީ ހިތާމަޔާއެކުގައި ކަމަށެވެ.

ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑޮނީޝިއާ ސަރުކާރާއި، ރައްޔިތުންނާ އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރގެ މެސެޖްގައި ވެއެވެ. އަދި ދިވެހިންގެ ތައުޒިޔާ، މި ޙާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ރައްދުކޮށްދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.