ހުޅުމާލޭ ފަޅުގައި އަޅާފައިއޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން މިމައްސަލާގައި ދައުވާކޮށްފައިވަނީ ލ. ގަމު ތުނޑި، ނޫރަންގޭ އަބްދުﷲ ޝާންގެ މައްޗަށެވެ. ޝާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.
ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޝާންގެ މައްޗަށް އުފުލާފައިވަނީ، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއާއި، ގައިގަ އަތްލުމުގެ ކުށުގެ ދައުވާއަށެވެ.
މިމައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.
އެހެންނަމަވެސް ޝާންގެ އިތުރުން މިމައްސަލާގައި ޝާމިލްވެފައިވާ އަނެއް ދެމީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުން އެދެމީހުންގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށްދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރި ކަމަށްބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހުއެވެ.
މިމައްސަލައާއި ގުޅިގެން 39 އަހަރުގެ ދިވެހި ދެފިރިހެނުން ކުށުގެ މާހައުލުން ފުލުހުން ވަނީ އަތުލައިގެންފައެވެ.
މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެމީހުން ހައްޔަރުކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތްކަމަށްބުނެ ފުލުހުންގެ ބެލުމުގެ ދަށުން އެދެމީހުންވަނީ ދޫކޮށްލާފައެވެ.
މިމައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެތްކާއި، ބަޔާންވެސް ނެގިކަމަށާއި، އެއްވެސް ނުފޫޒެއްނެތި މިމައްސަލައިގެ ތަހުގީގު ކުރިއަށްގެންދާނެ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.