އިންޑިއާއިން ހައްޔަރުކުރި ޗައިނާ ސިފައިންގެ މީހާ، އަނބުރާ ޗައިނާއާ ހަވާލުކޮށްފިއެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޖެނުއަރީމަހުގެ 8 ވަނަ ދުވަހު ދެގައުމު ގުޅޭ ސަރަހައްދީ އިމުން ހައްޔަރުކުރި ޗައިނާ ސިފައިންގެ މީހާ، ޗައިނާ އަސްކަރިއްޔާއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
އިންޑިއާއިން ހައްޔަރުކުރި ޗައިނާ ސިފައިންގެ މީހާ ވަގުތުން އަނބުރާ ހަވާލުކުރުމަށް ޗައިނާއިން މިދިޔަ ހޮނިހިރު ދުވަހުވަނީ އިންޑިއާއަށް ގޮވާލާފައެވެ. ޗައިނާއިން ބުނެފައިވަނީ، ސިފައިންގެ މީހާ ގެއްލިފައިވާކަން އެނގުނީވެސް ހޮނިހިރު ދުވަހު ކަމަށެވެ.
އިންޑިއާ ސިފައިން، ޗައިނާ ސިފައިންގެ މީހާ ހައްޔަރު ކޮށްފައިވަނީ، ދެގައުމު ވަކިކުރާ ސަރަހައްދީ އިމުގެ ޕަންގޮންގް ސޯ ކޯރު ސަރަހައްދުންނެވެ. މިކޯރު އޮންނަނީ ޗައިނާގެ ސަރަހައްދެއް ކަމަށްވާ ޓިބެޓާ އިންވެގެންނެވެ.
މި ސަރަހައްދަކީ، އިންޑިއާގެ އިތުރުން، ޗައިނާއިންވެސް އެ ސަރަހައްދުގެ މިލްކުވެރިކަމާމެދު ދައުވާކުރާ ސަރަހައްދެކެވެ.
އަދި މިއީ، މިފަހުން އެ ސަރަހައްދުގައި ހިނގި މި ބާވަތުގެ ދެވަނަ ހާދިސާއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުވެސް އިންޑިއާގެ ދޭމްޗޮކް ސަރަހައްދުގެ ތެރެއަށް ވަދެގެން އުޅުނު ޗައިނާ ސިފައިންގެ މީހަކު، އިންޑިއާ ސިފައިން ހައްޔަރު ކޮށްފައި ވެއެވެ. އަދި ފަހުން އޭނާވެސް ވަނީ އަނބުރާ ޗައިނާއާ ހަވާލުކޮށްފައެވެ.
ޗައިނާއާ އިންވެގެން އޮންނަ އިންޑިއާގެ ލަދާޚް ސަރަހައްދު މިދިޔަ އަހަރުގެ ޖޫންމަހުން ފެށިގެން އޮންނަނީ ވަރަށް ނުތަނަވަސް ކޮށެވެ. އެއީ، ދެގައުމުގެ އިމުގައި ތިބޭ ސިފައިންގެ މެދުގައި ހިނގި ވަރުގަދަ އަދި އަނިޔާވެރި ތަޅާފޮޅުންތަކަށް ފަހުގައެވެ.
އަތުންނާއި، ލަޓިބުރިން ދެގައުމުގެ ސިފައިންގެ ދެމެދުގައި ހިނގި ތަޅާފޮޅުމުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވިއިރު، ޗައިނާ ފަޅިން މަރުވި މީހުންގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ. މިކުރިމަތިލުމުގައި ދެފަރާތު ސިފައިންގެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބުނެވެ.