ކޮވިޑްބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވާން ފެށުމާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ވަރުގަދަކުރަން މެލޭޝިޔާ ސަރުކާރުން ނިންމައިފިއެވެ.

އަލުން އަޅާ ފިޔަވަޅުތައް، ޓީވީ މެދުވެރިކޮށް އިޢްލާން ކުރެއްވީ މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއެވެ.

ބޮޑުވަޒީރު ވިދާޅުވީ، ބުދަދުވަހުން ފެށިގެން މި ޖެނުއަރީމަހުގެ 26 ގެ ނިޔަލަށް މެލޭޝިޔާގެ 5 ސްޓޭޓަކާއި، ފެޑެރަލް 3 ޓެރިޓަރީއެއްގައި "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ހާލަތު ހިންގުމަށް ނިންމަވާފައިވާ ކަމަށެވެ.

ފިޔަވަޅުތައް ވަރުގަދަކުރާ 5 ސްޓޭޓްގެ ތެރޭގައި ހިމެނެނީ ޕެނާންގް، ސެލަންގޯރް، މެލަކާ، ޖޮހޯރް އަދި ސަބާހްއެވެ. ފިޔަވަޅުތައް ވަރުގަދަކުރާ ފެޑެރަލް ޓެރިޓަރީސްތަކުގެ ތެރޭގައި ހިމެނެނީ ކުއާލަ ލަމްޕޫރު، ޕުތްރަޖާޔާ އަދި ލަބުއާންއެވެ.

ބުދަ ދުވަހުން ފެށިގެން މެލޭޝިޔާގައި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރުފަތުރުން މަނާކުރާއިރު، "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ހާލަތުގެ ދަށުން، ސްޓޭޓްތަކުގައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމަކީވެސް މަނާކަމެކެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ، އެއް ސްޓޭޓުން އަނެއް ސްޓޭޓަށް އަދި އެއް އަވަށުން އަނެއް އަވަށަށް މީހުން ދަތުރުފަތުރުކުރުން ހުއްޓުވުމުގެ ގޮތުން، ބުދަދުވިލޭރޭ މެންދަމު 12:00 އިން ފެށިގެން ސަލާމަތީ ބާރުތަކުން މަގުހުރަސްތައް ޖަހައި ފޯރިމަރަން ފަށާނެ ކަމަށެވެ.

ބޮޑުވަޒީރު މުހްޔިއްދީން ވިދާޅުވީ، ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު އެތައްގުނައިތުރުވެ، ގައުމުގެ ސިއްހީ ޚިދުމަތުގެ ނިޒާމު މިހާރުއޮތީ ފަޅައިގެންދާ ހިސާބުގައި ކަމަށެވެ.

މެލޭޝިޔާގައި ކޮންމެ ދުވަހަކު ކޮވިޑްބަލިޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވާއިރު، މިއަދު އެކަނިވެސް 2،232 މީހުން އަލަށް ޕޮޒިޓިވްވެ، މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު 135،000 އަށްވުރެ މައްޗަށް ގޮސްފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވެ، ސަރުކާރުގެ ކެބިނެޓް 2 ވަޒީރަކުވެސް މިހާރުވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ކޮވިޑްބަލީގައި މެލޭޝިޔާއިން މިހާތަނަށް 550 މީހުން މަރުވެފައި ވެއެވެ.

ހަރުކަށި ފިޔަވަޅު އަޅާ 5 ސްޓޭޓާއި، 3 ފެޑެރަލް ޓެރިޓަރީގެ އިތުރުން މެލޭޝިޔާގެ އިތުރު 6 ސްޓޭޓެއްގައި ފިޔަވަޅުތަކެއް އަޅަންވެސް ބޮޑުވަޒީރު އިޢުލާން ކުރައްވާފައި ވެއެވެ.

ބޮޑުވަޒީރު ވިދާޅުވީ، ބަލީގެ މިހާލަތުގައި ކައިވެނި ހަފްލާތަކާއި، ކޮންފަރެންސްތަކާއި، ދީނީ ބައްދަލުވުންތަކާއި، ސެމިނާތަކާއި، ކޯސްތަކާއި، ގިނަމީހުން ބައިވެރިވާ ކުޅިވަރުގެ އެއްވެސް ހަރަކާތެއް ބޭއްވުމުގެ ހުއްދަ ނުދެވޭނޭ ކަމަށެވެ.

"މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ހާލަތު ހިންގި ނަމަވެސް، ސްކޫލްތަކަށް ދަރިވަރުންނަށް ކިޔަވަން ދެވޭނެ ކަމަށާއި، އިމްތިހާނުތައް ހަދާ ކެންޑިޑޭޓުންނަށް އިމްތިހާނަށް ހާޟިރު ވެވޭނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.