ކައުންސިލް އިންތިޚާބަށް ހައްލެއް ހޯދުމަށް ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ރޭ 8:30 އަށް ތާވަލްކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ހާއްސަ ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅުއްވަނީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

މި އިސްލާހުތަކާ ގުޅޭގޮތުން ވީނިއުސްއިން ދެއްނެވި ސުވާލަކަށް ޖަވާބުދެއްވަމުން މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އިންތިޚާބުގެ ޚާއްސަ ގާނޫނު އިސްލާހުވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށާއި އިސްލާހުތަކާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުގައިވެސް ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި މި އިސްލާހުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ކަންބޮޑުވުންތަކެއް އޮންނަމަ ކޮމެޓީ މަރުހަލާއަށް ދިޔުމުގެ ކުރިން އެކަމާވެސް މަޝްވަރާ ކުރައްވާނެކަމަށެވެ.

ވީހާވެސް އަވަހަކަށް ބިލު ފާސްވެގެންދާނެ ކަމަށް އުންމީދުކުރަނީ."
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

މި އިސްލާހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި، އިންތިޚާބު ބޭއްވޭނެ ގޮތް މަގުފަހި ކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ލޯކަަލް ކައުންސިލް އިންތިޚާބުގެ ހާއްސަ ގާނޫނުގައިވާގޮތުން އިންތިހާބު ބޭއްވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ.

އަދި އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހޭއިރު އެ މުއްދަތު މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަށް ހަމަވާނެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ބޭއްވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގައި ކަމަށް ކޮމިޝަނުން ދާދިފަހުން ވަނީ އިއުލާންކޮށްފައެވެ.

އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގައިވެސް އިންތިޚާބު ބޭއްވޭނީ ވަކި ކަންތައްތަކެއް ފުރިހަމަވެގެން ކަމަށާއި އެގޮތުން އިންތިޚާބު ބޭއްވޭނެކަން ކޮމިޝަނަށް އިއުލާން ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނުގައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަން އެޗްޕީއޭއިން އިއުލާން ކުރުމުންކަމުން ފުރަތަމަ ކަމަކަށް އެ މާއްދާއަށް އިސްލާހު ގެންނަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެ މާއްދާ އިސްލާހުނުވާ ހިނދަކު ކޮމިޝަނަކަށް އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާން ނުކުރެވޭނެ ކަމަށާއި ނަމަވެސް ތާވަލްކޮށްގެން މަސައްކަތް ކުރެވިދާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.