ސިވިލް ސަރވިސްގެ ގަވާއިދުގެ ބައެއް ބައިތަކަށް ގެނެވުނު އިސްލާހާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން ކި ގަވައިދާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ސެޝަންގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ސަލާމްބުނުމުގެ ގަވާއިދަށް ގެނެވުނު އިސްލާހާއި، އަލަށް ތައާރަފްކުރެވުނު އިތުރު 2 ޗުއްޓީއާއި ގުޅޭގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ދިވެހި ސިވިލް ސަރވިސް ގަވާޢިދުގެ ބައެއް ބައިތަކަށް ގެނެވުނު 4 އިސްލާހް، ގެޒެޓްގައި މިހާރު ވަނީ އާންމުކޮށްފައެވެ.
އެއީ މަސައްކަތު ފެންވަރު ބެލުމާބެހޭ މަސައްކަތް އޮންލައިން ކުރުމާގުޅޭ، ވަޒީފާއަށް މީހުން ހޮވުމުގެ ގަވާޢިދަށް ގެނެވުނު ބަދަލާ، ސަލާމުގެ ޗުއްޓީއަށް ގެނެވުނު ބަދަލާއި އަދި ސިވިލް ސަރވިސް ވިއުގަ އޮންލައިން ކުރުމާގުޅޭ އިސްލާހެވެ.
ތަމްރީނުތަކަށް ޕޭލީވް އަދި ނޯޕޭ ލީވް ދީފައިވާ މުވައްޒަފުންގެ ތެރެއިން، ތަމްރީނުތަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުން އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމާ ގުޅޭ އުސޫލަށް ސިވިލް ސަރވިސް ކޮމިޝަނުން ބަދަލުތަކެއް ގެނައީ މިމަހުގެ 8 ވަނަ ދުވަހުގައެވެ.
އަލަށް ގެނެވުނު އިސްލާޙުގެ ތެރޭގައި ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެނަމަ ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަނުކޮށްފިނަމަ ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ މުވައްފު ވަޒީފާއިން ވަކިކުރުމަށާއި މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ޚަރަދުކުރެވުނު ފައިސާ އަނބުރާ ހޯދޭނެއެވެ.
އަދި ވަޒީފާގެ ވާޖިބުތަކާ ގުޅުމެއްނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަނުކުރާ މުވައްޒަފުން ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ މުވައްޒަފުން، ކުރިން އަދާކުރަމުންދިޔަ މަގާމަށް ރުޖޫޢަކުރާނެކަމަށްވެސް އައު އުސޫލުގައިވެއެވެ.