ޕޯސްޓްގެ ޒަރިއާއިން ރާއްޖެއެތެރެކުރަން އުޅުނު 14 ގްރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ އާދީއްތަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 14 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 42,000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދީފައިވެއެވެ.