އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގަރލްސްޓުކޯޑު-ތިނަދޫ" ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތު ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ވަރޗުއަލްކޮށް ބާއްވާފައެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މިޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައިވަނީ 2 މަސް ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ. މިޕްރޮގްރާމްގެ ތެރެއިން ހިންގާ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މެންޓަރސްގެ ގޮތުގައި މިދާއިރާގެ ފަންނީ މީހުން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެއެވެ.

ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވަރިންނަށް މަރުހަބާ ކިޔަމުން ދިރާގުގެ ޑިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ ވިދާޅުވީ މި ޕްރޮގްރާމަށް ދިރާގުން އެއްބާރުލުން ދޭން ނިންމި އެންމެ މުހިންމު ސަބަބަކީ، ދިރާގުގެ ސީއެސް އާރ ޕްރޮގްރާމްގައި އަންހެނުން ބާރުވެރިކުރުމާއި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ކުދިންގެ ބައިވެރިކުރުން އިތުރުކުރުމަށް ހިއްވަރު ދިނުމަކީ އެ ކުންފުނިން ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާއަކަށް ވާތީ ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ނިއުމާ ފާއިޒް ވިދާޅުވީ މިޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ކުދިން ވެސް އިސްކަންދޭންޖެހެނީ ޕްރޮގްރާމްގައި ދެމިތިބެ ޕްރޮގްރާމް ނިންމުމަށް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން 21 ވަނަ ގަރުނުގެ އެންމެ މުހިންމު ހުނަރު ދަސްކުރުމަށް އަމާޒު ހިފަންޖެހޭކަމަށް ނިއުމާ ވިދާޅުވިއެވެ.