މެލެޝިޔާގެ ރަސްގެފާނު، މުޅި ގައުމުގައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރައްވައިފިއެވެ.

މިއީ، މެލޭޝިޔާގައި ކޮވިޑްބަލި ވަރަށް ހަލުވިކަމާއެކު ފެތުރޭން ފެށުމާ ގުޅިގެން، ބަލި ފެތުރުން ހުއްޓުވުމުގެގޮތުން ރަސްގެފާނު އެޅުއްވި ފިޔަވަޅެކެވެ.

މެލޭޝިޔާގެ ރަސްގެފާނު އައްސުލްތާން އަބްދުﷲ ރިއާޔަތުއްދީން އަލް-މުސްތަފާ ބިﷲ ޝާހް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މެލޭޝިޔާގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައިވާ ކަމަށެވެ. އެހެންވެ، ގާނޫނުއަސާސީގެ 150 ވަނަ މާއްދާގެދަށުން ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު ކޮންމެހެން އިޢްލާން ކުރަން ޖެހުމުން އެކަން ކުރެއްވީ ކަމަށް ރަސްގެފާނުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މެލޭޝިޔާގެ ރަސްގެފާނު ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިޢްލާން ކުރެއްވީ، މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއާ ގަނޑުވަރުގައި އިއްޔެ ބައްދަލުކުރައްވައި، ބަލީގެ ހާލަތާގުޅޭގޮތުން ބޮޑުވަޒީރާ މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެލޭޝިޔާގައި އިޢްލާން ކުރި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު މިއަހަރުގެ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ. ނުވަތަ، ބަލީގެ ހާލަތު ރަނގަޅުވެ ރަސްގެފާނު އިތުރު ގޮތެއް ނިންމަވަންދެން އެ ހާލަތު ދެމިއޮންނާނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރުމާ ގުޅިގެން މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންވަނީ ގައުމާ މުޚާތަބު ކުރައްވާފައެވެ.

ބޮޑުވަޒީރު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތަކީ އަސްކަރީ އިންގިލާބެއް ނޫންކަމަށެވެ. އަދި މިހާލަތުގައި ކާފިއުވެސް ނުހިންގާނެ ކަމަށެވެ.

މެލޭޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން މިކުރީ، ޕާލަމެންޓް ރޫޅާލައި، އާންމު އިންތިޚާބު ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ގެންދަނިކޮށެވެ.

ބޮޑުވަޒީރު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ޕާލަމެންޓް ޖަލްސާތައްވެސް ނުބާއްވާނެ ކަމަށާއި، އެއްވެސް އިންތިޚާބެއްވެސް ނޯންނާނެ ކަމަށެވެ.

"ރަސްގެފާނު ގޮތެއް ނިންމަވަންދެން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ޕާލަމެންޓް ޖަލްސާތަކެއް ނޯންނާނެ. އާންމު އިންތިޚާބުވެސް ނޯންނާނެ. ސްޓޭޓް އިންތިޚާބުތަކެއް، ބައި އިލެކްޝަންތަކެއްވެސް ނޯންނާނެ"
ބޮޑުވަޒީރު މުހްޔިއްދީން ޔާސީން

ބޮޑުވަޒީރު ވިދާޅުވީ، އާންމު އިންތިޚާބު ބާއްވަން ބައެއް ސިޔާސީ ޕާޓީތަކުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، ޕާލަމެންޓް ރޫޅާލައި މި ދަނޑިވަޅުގައި އާންމު އިންތިޚާބު ބާއްވަން ރަސްގެފާނަށް މަޝްވަރާ ނުދެއްވީ، ކޮވިޑްބަލީގެ ހާލަތުގެ ސަބަބުން ކަމަށް މުހްޔިއްދީން ޔާސީން ވިދާޅުވިއެވެ.

ކޮވިޑްބަލީގެ ހާލަތު މެލޭޝިޔާގައި ގޯސްވަމުންދާ މި ދަނޑިވަޅުގައި އާންމު އިންތިޚާބު ބޭއްވުމަކީ ރައްޔިތުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކުރި ނަމަވެސް، ކެބިނެޓް ޖަލްސާތަކާއި، ސްޓޭޓް އެގްޒެކެޓިވް ކައުންސިލްތަކާއި ސަރުކާރުން ރައްޔިތުންނަށްދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.