ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުނު މައްސަލާގައި ރިޒް ކުންފުނީގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލާގައި ދައުވާކުރުމަށް މިދިޔަ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ރިސޯޓެއްގެގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ރިޒް ކުންފުނީގެ މުވައްޒަފުންނަށް ހައެއްކަމަސް ވަންދެން މުސާރަ ނުދޭ ކަމަށްބުނެ އެރަށުގައި ތިބި ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގާ ދިވެހިންތަކެއް ރަހީނުކޮށްފައިވަނީ، މިދިޔަ އަހަރުގެ ޖުލައިމަހުގައެވެ.

މިމައްސަލައާއި ކުޅިގެން ފުލުހުން އެރަށައް އަރައި، ހަމަނުޖެހުން ހިންގި ކަމަށް ބެެލެވޭ 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށައްގެންގޮސް ދައުވާވެސް އުފުލާފައިވެއެވެ.

ބޮޑު ފިނޮޅުގައި ބިދޭސީން ހަމަނުޖެހުން ހިންގާފައިވަނީ ހަމައެކަނި މުސާރަ ނުދީގެން ނޫންކަމަށާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް އެ ބިދޭސީންނާމެދު އަމަލުކުރެވިފައި ވާކަމަށް އެތަނުން ވާހަކަދެކެވުނު ބިދޭސީންގެ ފަރާތުން އެނގިފައިވާ ކަމަށް، މިމައްސަލައިގައި އަމިއްލަ ހައިސިއްޔަތުން މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.

އެޓީމުން ބުނީ ޖުލައިގައި އެރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ އަސްލަކީ މުސާރަ ލަސްވަމުން ދިޔުމާއި ގުޅިގެން 16 މެއިގައި ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރިން ކުރި އިހުތިޖާޖާއި ގުޅިގެން ސީލް މޯލްޑިވްސްގެ ފަރާތުން ތަފާތު އެކި ފަހަރުމަތިން ބިދޭސީ މަސައްކަތްތެރިންނަށް ބިރުދެއްކުމާއި ފުރާނައަށް ނުރައްކާވާގޮތަށް ދީފައިވާ އިންޒާރުތަކާއި ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުމެއްކަން، ބިދޭސީންނާއި ދެއްކި ވާހަކަތަކުން އެނގިގެންދިޔަ ކަމަށެވެ.

އަދި އެ އިހުތިޖާޖަކީ ސުލްހަވެރިކަމާއިއެކު ކުރި އިހުތިޖާޖެއް ކަމަށާއި އިހުތިޖާޖާއި ގުޅިގެން އެތަނުގެ އެއްވެސް ބަޔަކަށް ނުވަތަ މުދަލަކަށް ގެއްލުން ދީފައިވާކަން ފުލުހުން ފާހަގަކޮށްފައި ނުވާކަމަށްވެސް އެޓީމުން ވަނީ ހާމަކޮށްފައެވެ.

ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.