އިންޑިއާގެ 7 ސްޓޭޓަކުން ދޫނިރޯގާ ފެނިއްޖެކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިއާގެ މައި ސަރުކާރުގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަޒްބަންޑްރީ އެންޑް ޑައިރީންގުން ބުނެފައިވަނީ، ދޫނިރޯގާ ފެނިފައިވަނީ، ކެރަލާ، ރާޖަސްތާން، މަދިޔަ ޕްރަދޭޝް، ހިމާޗަލް ޕްރަދޭޝް، ހަރިޔާނާ، ގުޖަރާތު އަދި އުއްތަރް ޕްރަދޭޝްއިން ކަމަށެވެ.

މިކަމާހެދި، މައި ސަރުކާރުން މިހާރުދަނީ، ދޫނިރޯގާ ފެނިފައިވާ ސަރަހައްދުތަކަށް ތަޖުރިބާކާރުންގެ ޓީމުތައް ފޮނުވައި، ހާލަތުބަލައި ތަހްގީގުތައް ކުރަމުންނެވެ.

މައި ސަރުކާރުގެ ތަޖުރިބާކާރުންގެ ޓީމެއް އާދީއްތަ ދުވަހު ކެރަލާއަށް ގޮސްފައިވާއިރު، ހިމާޗަލް ޕްރަދޭޝްއަށް އިއްޔެވަނީ ޓީމެއްގޮސް، ދޫނިރޯގާ ފެތުރެންފެށި ތަންތަން ހޯދައި ތަހްގީގުތައް ފަށާފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަޒްބަންޑްރީ އެންޑް ޑައިރީންގުންވަނީ، ދޫނިރޯގާއަށް އާންމުން ހޭލުންތެރި ކުރުމަށާއި، މިކަމާ ގުޅޭގޮތުން އާންމުންގެ މެދުގައި ނުބައި މައުލޫމާތު ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށް ސްޓޭޓްތަކުގެ ކިބައިން އެދިފައެވެ.

ހަމަ އެއާއެކު، ދިރޭ ދޫނި ވިއްކާ މާރުކޭޓުތަކާއި، ޒޫތަކާއި، ކުކުޅުކޮށިތައް ބެލެހެއްޓުން އިތުރަށް ވަރުގަދަ ކުރުމަށާއި، އެތަންތަނަށް ފެން ފޯރުވައިދޭ ނިޒާމުތަކަށް ސަމާލުކަން ދިނުމަށާއި، ކަތިލާތަކެތީގެ ގޮހޮރުގެ ސާމާނު ރަނގަޅަށް ނައްތާލުމަށްވެސް ސްޓޭޓްތަކުގެ ކިބައިން އެދިފައި ވެއެވެ.

އިންޑިއާގެ 7 ސްޓޭޓަކުން ދޫނިރޯގާ ފެނިފައިވާއިރު، ޕެޓްގެގޮތުގައި ދޫނިވިއްކާ މާރުކޭޓުތަކަށްވެސް ރޯގާގެ އަސަރު ކޮށްފައި ވެދާނެކަމުގެ ބިރު އުފެދައިވާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.

ދޫނިރޯގާ އިންސާނުގެ މެދުގައި ފެތުރިގަތުމުގެ ފުރުސަތު ނުދިނުމުގެގޮތުން، ސިއްހީ ފަރާތްތަކާ ގުޅިގެން، ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު ފިޔަވަޅުތައް އަޅައި، ކަންކަން ވަރަށް ގާތުން ބަލަމުންދިއުމަށް ސްޓޭޓްތަކުގެ ޗީފް ސެކްރެޓަރީންނާއި، ޔޫނިއަން ޓެރިޓަރީތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ކިބައިން، އެނިމަލް ހަޒްބަންޑްރީ މިނިސްޓްރީންވަނީ އެދިފައެވެ.

މީގެއިތުރުން، ދޫނިރޯގާ ބަލިމަޑުކަން ކޮންޓްރޯލުން ނެއްޓި، ފެތުރިގެންފިނަމަ، އެއިން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް އަތްމަތިކޮށްފައި ބެހެއްޓުމަށާއި، ބަލިޖެހޭ ދޫނިތައް ނައްތާލަން ޖެހިއްޖެ ހާލަތެއް އަތުވެދާނެކަމަށް ބަލައި އެކަމަށްވެސް ތައްޔާރުވެތިބުމަށް މައި ސަރުކާރުންވަނީ ސްޓޭޓްތަކަށް އަންގާފައެވެ.