ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އާއި ފިރިމީހާ ވިރާތު ކޮލީއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.
އިންޑިއާގެ ނެޝަނަލް ކްރިކެޓް ޓީމްގެ ކެޕްޓަންގެ މަގާމުގައި މިވަގުތު ހުރި ކްރިކެޓް ތަރި ވިރާތު ކޮލީއާއި އަނުޝްކާއާ ދެމީހުން ކައިވެނިކޮށްފައިވަނީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު 2017 ވަނަ އަހަރުއެވެ.
އަނުޝްކާ ބަލިވެއިންކަން ހާމަކޮށްފައިވަނީ މިދިޔަ އޯގަސްޓްމަހުގެ ތެރޭގައެވެ.
ޓްވިޓަރ މެދުވެރިކޮށް އަނުޝްކާ ވިހެއި ހަބަރު ފޭނުންނާ ހިއްސާކުރުމަށް ނެރުނު ބަޔާނުގައި ވިރާތު ބުނެފައިވަނީ، ދެމައިންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށާއި މިއީ އެދެމަފިރިންނަށާއި އާއިލާއަށްވެސް ވަރަށް އުފާވެރި ދުވަހެއް ކަމުގައެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކަކީ އުފަލުން ފުރިގެންވާ ދުވަސްތަކެއް ކަމަށް ބުނެ ވިރާތުގެ ދެމަފަރިންވެސް އާއްމުންގެ ފަރާތުން އެދުނީ އެއާއިލާއަށް މިވަގުތު ބޭނުންވާ ޕްރައިވެސީ ދިނުމަށެވެ.
ފިލްމް "ރަބްނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ތައާރަފްވި ހުނަރުވެރި ބަތަލާ މަންމައަކަށް ވުމާއި ގުޅިގެން ފިލްމީ ދާއިރާގެ ގިނަ ބަޔަކުވަނީ އަނުޝްކާގެ އާއިލާއަށް މަރުހަބާ ކިޔާފައެވެ.
އަނުޝްކާ ދާދިފަހުން އިންޑިއާގެ ވޯގްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ވިހެއުމަށްފަހު ކުޑަ ބްރޭކެއް ނަގާނެ ކަމަށާއި އެހެންނަމަވެސް ވަރަށް އަވަހަށް ފިލްމީ ދާއިރާގެ މަސައްކަތަށް އެނބުރި ނިކުންނާނެ ކަމަށެވެ.
އަނުޝްކާގެ ފިރިމީހާ، މަޝްހޫރު ކްރިކެޓް ތަރި ވިރާތުވެސް މިވަގުތު ވަނީ ކްރިކެޓްގެ ކުޅިވަރުން ބްރޭކެއް ނަގާފައެވެ.
ވޯގްއަށް ދިން އިންޓަވިއުގައި އެ ދެމަފިރިންވެސް ބުނެފައިވަނީ، ބޭނުންވަނީ ދަރިފުޅު ލިބުމަށްފަހު އެދަރިފުޅު ސޯޝަލް މީޑިއާއާ ވީހާވެސް ދުރުން ގެންގުޅެންކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މިދެމަފިރިންގެ ދަރިފުޅުގެ ފޮޓޯއެއް އެއްވެސް ވަރަކަށް ސޯޝަލް މީޑިއާއާ ހިއްސާ ނުކުރުމަށްވެސް އަނުޝްކާއާއި ވިރާތުވަނީ ނިންމާފައެވެ.
ދިވެހި ފިލްމު ހަދާ އުޅޭ ކުދިވެރިން އެކަން ހުއްޓާލީތަ މިހާރު. އެމީހުންގެ ހިލަމެއް ނުވޭ މިހާރަކު. މި އިންޑިއާ ކުދިން ހިތްވަރާއެކު މަސައްކަތް އެބަ ކުރަމުންދޭތާ
އަޅުގަނޑުގެ ޚިޔާލަކީ ބައެއް ވެބްސީރީޒްގެ އަޕްޑޭޓާއި ޗެނަލްތަކުން ގެންނަ ސީރީޒްތަކުގެ ޚަބަރުތައްވެސް ހިމަނާލަން. މިހާރުވެސް އަސްލު ވަރަށް ރަނގަޅު ތިގެނެސްދެއްވާ މިދާއިރާގެ ޚަބަރުތައްވެސް.