• އެކްޓިވް ކޭސްގެ އަދަދު 760 އަށް މައްޗަށް، ހޮސްޕިޓަލްތަކުގަ 53 މީހުން

ރާއްޖެއިން ކޮވިޑް-19 އަށް 59 މީހުން އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިރޭކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 2،768 ސާމްޕަލް ކަމަށާއި، މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 59 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 20 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. 6 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވި 59 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 14،218 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 37 މީހުން ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 13،402 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 760 މީހުންނެވެ. މީގެތެރެއިން 53 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.