ވިލާ ކޮލެޖު ސްޓުޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) ގެ މި އަހަރުގެ ރެޕްރެސެންޓެޓިވް ކައުންސިލް އިންތިޚާބުކޮށް، އެކި އެކި މަޤާމްތަކަށް ހޮވުނު ދަރިވަރުންނާއި ރަސްމީކޮށް މަޤާމުތައް ޙަވާލުކޮށްފިއެވެ.
ވިލާކޮލެޖުން ބުނީ މި މަޤާމްތަކަށް ދަރިވަރުން ހޮވާފައިވަނީ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލައި، މަޤާމްތަކަށް ކުރިމަތިލި ދަރިވަރުންނަށް ބޭއްވުނު ޢާންމު އިންތިޚާބަކުން ކަމަށެވެ. މި އިންތިޚާބު ބާއްވިފައިވަނީ 6 ޑިސެންބަރ 2020 ވަނަ ދުވަހު އޮންލައިން ކޮށް، މޫޑުލް މެދުވެރިކޮށެވެ. މިއީ ކޮލެޖުގެ ތާރީޚުގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ އިންތިޚާބުކަން ފާހަގަކޮށް ވިލާކޮލެޖުން ބުނީ މި އިންތިޚާބުގައި އެ ކޮލެޖު ސްޓުޑަންޓް އެސޯސިއޭޝަންގެ ސްޓުޑަންޓް ރެޕްރެސެންޓެޓިވް ކައުންސިލްގެ 13 މަގާމަކަށް ދަރިވަރުން ހޮވާފައިވާ ކަމަށެވެ. މިއަދު މަޤާމްތަކާއި ޙަވާލުވި ދަރިވަރުންގެ މަޤާމްގެ މުއްދަތަކީ 1 އަހަރު ދުވަސް ކަމަށް ވިލާކޮލެޖުން މައުލޫމާތުދެއެވެ.
މިއަދުގެ ޙަފްލާއި އަލަށް ހޮވުނު ކައުންސިލްގެ ރައީސް، ކުރިއަށް އޮތް އަހަރުގެ ތަސައްވުރު ޙަފްލާގެ ބައިވެރިންނާއި ޙިއްސާކުރެއްވިއެވެ. މިއަހަރު ސްޓޫޑެންޓް އެސޯސިއޭޝަނުން އިންތިޒާމުކުރާ ހަރަކާތްތަކުގައި، ކޮލެޖުގެ ހުރިހާ ކެމްޕަހެއްގެ ދަރިވަރުންނަށް ބައިވެރިވުމަށް ހަމަހަމަ ފުރުސަތު ހުޅުވާލުމަކީ އެސޯސިއޭޝަނުން ނުހަނު އިސްކަމެއް ދޭނެ ކަމެއްކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ހަރަކާތްތައް ރޭވުމުގައި ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ތިބުމަށް ސަމާލުކަންދީ، ތަފާތު މަޖާ އަދި އެކުވެރި މާހައުލެއް އުފެއްދޭނެ ގޮތަށް ޙަރަކާތްތައް ރޭވުމަށް ވިސްނުން ހުރިކަމަށް ވިދާޅުވެ މިފަދަ ގޮތަކަށް މުޅި އަހަރުގެ ހަރަކާތްތައް ރޭވުމުގެ މަގުސަދަކީ ކިޔެވުމުގެ އިތުރުން ދަރިވަރުން ކަންކަމުގައި އަމަލީ ގޮތުން ތަފާތު އެކި ތަޖުރިބާތައް ހޯދައިދިނުން ކަމަށް ކައުންސިލްގެ ރައީސްގެވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ވީ.ސީ.އެސް.އޭގެ 2021 ވަނަ އަހަރުގެ ހިންގާ ކޮމިޓީއަށް އިންތިޚާބުވެފައިވާ ދަރިވަރުންނަކީ:
· ރައީސް މޫސާ މީކާއިލް އަޙުމަދު ޖާލީލު
· ނައިބު ރައީސް އަޙުމަދު އުވައިސް މުޙައްމަދު
· ޖެނެރަލް ސެކްރެޓަރީ ފާޠިމަތު ސަނާ އަޙުމަދު
· ޓްރެޝަރަރ ސުހާ މޫސާ
· ކެންޕަސް ކޯޑިނޭޓަރ ސުހާ ވަޙީދު
· ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ މުޙައްމަދު އިސްރާފިލް ޢަލީ ޒާހިރު
· ސޯޝަލް އެންޑް ކަލްޗަރަލް ސެކްރެޓެރީ މަރިޔަމް މަލްދާ ޝަރީފް
· ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ސެކްރެޓެރީ މަޔާ ރަހްމަތުﷲ
· ވެލްފެއަރ ސެކްރެޓެރީ ފާޠިމަތު ޖަހުބާޒް
· އެކެޑެމިކް ސެކްރެޓެރީ ޔުޝްފާ ނަދީމް
· ޕޯސްޓް ގްރުޖުއޭޓް ރެޕްރެޒެންޓެޓިވް ސަޒްލާ އަބްދުލް ޣަފޫރް
· އަންޑަރ ގްރެޖުއޭޓު ރެޕްރެޒެންޓެޓިވް އަޙުމަދު ޝާފީ އާދަމް
· އަދަރ ޕްރޮގްރާމްސް ރެޕްރެޒެންޓެޓިވް އައިޝަތު މަލްސާ މޫސާ ޖަމީލް
މަޤާމުތައް ޙަވާލުކުރުމަށް ބޭއްވި ޙަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްއެވެ. މި ހަފްލާގައި ދިވެހިރާއްޖޭގެ ގިނަ ކޮލެޖު އަދި ޔުނިވަރސިޓީގެ ސްޓުޑަންޓް ބޮޑީތަކުންވެސް ބައިވެރިވެފައިވެއެވެ.