ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރައްވާ ހުކުމަކީ ނުފޫޒުން އެއްކިބާވެ، އިންސާފުވެރި ހުކުމަށްވުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވެފައިމިވަނީ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތުން ކުރި އިސްތިއުނާފުގެ މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފައިވާ ވަގުތެއްގައެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިކޯޓުން ކަފާލާތު ދެއްވަން ނުފެންނަ ކަމަށް ނިންމެވުމުގެ އެއް ރައުޔަކީ މައްސަލަ ލަސްނުވެ ނިމޭނެ ކަމެވެ.

އަދި ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ލަސްކުރެއްވި ނަމަވެސް އެ މައްސަލައިގައި ރައީސް ޔާމީންއަށް އިންސާފުވެރި ހުކުމަކަށް އުއްމީދު ކުރައްވާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ހުކުމް އިއްވުން ހައިކޯޓުގައި ތާވަލުކޮށްފައި އޮތީ މި މަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް ހައިކޯޓުން ފަހުން ބުނީ އެ މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 21 ވަނަ ދުވަހަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް 2019ވަނަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ހައިކޯޓުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މި މަހުގެ 21 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު ޔާމީންގެ މައްޗަށް އިތުރު 2 ދައުވާއެއް މިހާރު ވަނީ އުފުލާފައެވެ.

އެގޮތުން ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގާއި ރިޝްވަތު ޤަބޫލުކުރި ކަމުގެ ދައުވާ އުފުލާފައެވެ.

ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ފުށްގިރި ކުށްޔަށްދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން 1 ލައްކަ 18 ހާސް ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދޭ ކަމަށެވެ.