ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

އެޓަރނީ ޖެނެރަލް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އައު ގަވާއިދެއް އެ އޮފީހުން އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން މި ގަވާއިދަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅާ، އެފަދަ މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލު ކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތް ހާލެއްގައި އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ އުސޫލުތައްވެސް މި ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ މީހުންގެ ޝަރުތު ފުރިހަމަވުމަށްޓަކައި އެމީހަކު ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށަކީ މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށަކަށް ވާންޖެހޭ ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އަދި ގަވާއިދުގެ ޖަދުވަލު އެކެއްގައިވާ ކުށުގެ ތުހުމަތުގައިވާ މީހާއަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތަކުން ޝަރުތުވެސް ފުރިހަމަވާންޖެހޭނެއެވެ.

ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް އެދި ދައުލަތަށް ހުށަހަޅަނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްނަމަ، އެ ކުއްޖާއަށް ގާނޫނީ ވަކީލެއް ހަމަޖެއްސެއް ނެތް ހާލަތެއްގައި މި ގަވާއިދުގެ ދަށުން ގާނޫނީ ވަކީލެއް ހަމަޖައްސައިދޭނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު މިހާރު ވަނީ އުވިފައި ކަމަށްވެސް އޭޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.