ހޮރައިޒަން ފިޝަރީސް ކުންފުނިން މަސް ގަންނަ އަގު ބޮޑުކޮށްފި އެވެ.

ހޮރައިޒަން އިން ބުނީ އެކުންފުންޏަށް މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު މަސް ގަތުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ.

ހޮރައިޒަން އިން ބުނީ އަގަށްގެނައި މިބަދަލާއެކު، އައިސް އަޅައިގެން ފިނިކޮށްފައިވާ 1.5 ކިލޯއިން ދަށުގެ ފިނިކުރި މަސް ގަތުމަށް ހަމަޖެހިފައިވަނީ 5.50 ރުފިޔާ އަށް ކަމަށާ އަދި 1.5 ކިލޯއިން ދަށުގެ ފިނިނުކުރާ މަސް ގަތުމަށް ހަމަޖެހިފައިވަނީ 5.15 ރުފިޔާ އަށް ކަމަށެވެ. އަދި 1.5 ކިލޯއިން 2.49 ކިލޯއާއި ދެމެދުގެ ފިނިކުރި މަސް ގަތުމަށް ހަމަޖެހިފައިވަނީ 14.00 ރުފިޔާ އަށް ކަމަށާ އަދި 1.5 ކިލޯއިން 2.49 ކިލޯއާއި ދެމެދުގެ ފިނިނުކުރާ މަސް ގަތުމަށް ހަމަޖެހިފައިވަނީ 13.00 ރުފިޔާ އަށް ކަމަށެވެ.

މީގެއިތުރުން އައިސް އަޅައިގެން ފިނިކޮށްފައިވާ 2.50 ކިލޯއިން މަތީގެ ފިނިކުރި މަސް ގަތުމަށް ހަމަޖެހިފައިވަނީ 16.00 ރުފިޔާ އަށް ކަމަށާ އައިސް ނާޅާ 2.5 ކިލޯއިން މަތީގެ މަހާ ކަންނެލި ގަންނަން ނިންމާފައިވަނީ 14 ރުފިޔާއަށް ކަމަށްވެސް ހޮރައިޒަން އިން މައުލޫމާތުދެއެވެ.

ހޮރައިޒަން ފިޝަރީސް އިން 1.5 ކިލޯއިން މަތީގެ މަސް، މީގެ ކުރިން ގަންނަމުގަންނަމުން އައީ 14 ރުފިޔާއަށެވެ. އަދި އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް ގަންނަމުން އައީ 13 ރުފިޔާއަށެވެ.