ށ. ފުނަދޫ "އަމާން ހިޔާ" އަށް ގެންގޮސް ކަރަންޓީނުގައި ތިބި ކުދިންނާއި މީހުން އެރަށުގެ އެހެން މީހުންނާއި ބައްދަލުކުރާ މައްސަލައިގެ ޝަކުވާ ރަށު ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ތިބި ކުޑަކުދިންގެ ތެރެއިން "އަމާން ހިޔާ" އަށް ގެންދިޔަ ކުދިންގެ ކަރަންޓީނު ދުވަސްވަރު އެކުދިން ބަލަހައްޓާ މުވައްޒަފުންނާއި އެރަށު އާންމު މީހުންނާއި ބައްދަލުކުރާ މައްސަލަ ބޮޑުވެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ މިވަގުތު ވީނިއުސްއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިމައްސަލާގައި މިހާރު ވަނީ އެތަނުގެ އިސްވެރިޔާއާއި ބައްދަލުކޮށްފައި ކަމަށެވެ.
އެކުދިން ދިރިއުޅޭ އިމާރާތާއި އަދި އެތަނުގެ މުވައްޒަފުން އުޅޭ އިމާރާތް ހުންނަނީ އެއް ގޯއްޗެއްގައި ކަމަށާއި އެކުދިން ތިރިއަށް ފައިބާ އެކި ކަންކަމުގައި އުޅޭއިރު އެތަނުގެ ވޮޗަރު މީހާއާއި ހަމައިން ފެށިގެން މަސައްކަތުގައި އުޅޭ އެންމެނާ އެކުދިންނާ ބައްދަލުވާ ކަމަށް އަހުމަދު އިބްރާހިމްފުޅު ވިދާޅުވިއެވެ.
މާސްކުވެސް އެމީހުން ނާޅާ ކަމަށާއި އަދި ކުދިން ބަލަން އެތަނުގައި ކަރަންޓީނުވެގެން ތިބޭ މުވައްޒަފުންވެސް ބޭރަށްނިކުމެ އެކުދިންނަށް ބޭނުންވާ ތަކެތި ހޯދުމުގައި ތަނުގެ އެހެން މުވައްޒަފުންނާ ކޮންޓެކްޓްވާ ކަމަށް އަހުމަދު އިބްރާހިމްފުޅު ވިދާޅުވިއެވެ.
ރަސްމީ ހައިސިއްޔަތުން މިމައްސަލަ އެޗްޕީއޭއަށް ހުށަނޭޅިނަމަވެސް އެތަނުގެ އިސްވެރިއަކަށް ފޯނުން ގުޅުމަށްފަހު މައުލޫމާތު ދީފައިވާނޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"އަމާން ހިޔާ" އަށް ކުދިން އެރަށަށް ގެންދިޔުމުގެ ކުރިން ޖެންޑާ މިނިސްޓްރީގެ ޓީމެއް ޚާއްސަ ހުއްދައިގެ ދަށުން ދިޔަކަން ފާހަގަކުރައްވާ ކައުންސިލްގެ ރައީސް ވިދާޅުވީ، އެޓީމުގެ ބޭފުޅުން އެރަށުގެ މުވައްޒަފުންނާއެކު ޕިކްނިކްގޮސް އަދި އެކި އެއްވުންތައް ބޭއްވިކަމުގެ ޝަކުވާލިބުމުން ފުލުހުންނަށާއި ލީގަލް ޑިޕާޓްމަންޓަށް މެއިލްކުރި ކަމަށެވެ.
މިމައްސަލައާއި ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ ޑައިރެކްޓަރ ކޮމިއުނިކޭޝަން އިބްރާހީމް މުހައްމަދު ވިދާޅުވީ، ކަރަންޓީނުވެފައި ތިބި ކުދިންނާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޑައިރެކްޓް ކޮންޓެކްޓް ނުވާނެ ކަމަށާއި އެތަނުގައި ކުދިން ކަރަންޓީނުވެގެން ތިބީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.
ގައިޑްލައިންގަ އޮވޭތަ ކުދިން ބޭރަށް ނިކުމެވޭނެކަމަށް. އެއްވެސް މާސްކެއް ވެސް ނާޅާ. ކަރަންޓީން ނުވާ ސްޓާފުންވެސް ކަރަންޓިން ބްލޮކަށް ވަދެ ނިކުންނަނީ މާސްކް ނާޅާ. މާލޭގައި ތިބޭ ބޭފުޅުންނަކަށް ނޭންގޭނެ މިކޮޅުގަ ކަންތައް ހިނގަމުންދާގޮތެއް. މުޅިން ގައިޑް ލައިން އާއި ހިލާފަށް އުޅެނީ. ޖެންޑާގެ އިސްބެފުޅުން ޚާއްސަ ހުއްދަ ހޯދައިގެން އައީ ފަރުކޮޅަށް ޕިކްނިކް ދާން . އެކަންވެސް ނުކުރަމޭ ބުނަންވީނު. މިއީ ކުޅޭކުޅޭ ކަމެއް ނޫން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފަ އޮތްކަމެއް. މިއީ ސަރުކާރާ އިދިކޮޅުވުމެއްވެސް ނޫން. ގޯސްކޮށް ކުރެވޭކަންކަން އިސްލާހް ކޮށްބަލަ ދިފާއު ނުކޮށް.