ފުވައްމުލަކު ހުޅަނގުފަރާތުގައި ހަދާފައި ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭ ގޮތުން "ވަން ފުވައްމުލައް" ޖަމްއިއްޔާއިން ކުރިއަށްގެންދިޔަ ޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވެވި މި ރަސްމިއްޔާތުގައި ޕެޓިޝަން ކައުންސިލާއި ހަވާކުރީ ދާދި ފަހުން މާނޭރު ނެރުގެ މޫދަށްނިޔާވި އަހްމަދު ފައުޒާންގެ އެންމެ ގާތް ދެ ރަހްމަތްތެރިން ކަމަށް ކައުންސިލުން ބުނެއެވެ.

އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ޕެޓިޝަނާއި ހަވާލުވީ މޭޔަރ އަބްދުﷲ ފަލާހު ޝަރީފްއެވެ.

ނެރުތައް ބަންދުކުރުމަށް އެދި ޕެޓިޝަނެއްގައި ސޮއި ކުރަން މިހާރު ފަށާފަވާއިރު މިހަތަނަށް 2132 އަށް ވުރެ ގިނަ މީހުން ވަނީ ސޮއި ކޮށްފައި ކަމަށް "ވަން ފުވައްމުލައް" ޖަމްއިއްޔާއިން ބުނެއެވެ.

ނެރުތައް ބަންދުކުރުމަށް އެދި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައިމިވަނީ މާނޭރެ ސަރަހައްދަށް އެރިއުޅުނު އުމުރުން 17 އަހަރުގެ ކުއްޖަކު ގެނބިގެން މަރުވި ހާދިސާއާ ގުޅިގެން ކަމަށް މައުލޫމާތުލިބެއެވެ.

މި ޕެޓިޝަނުގައި އެދިފައިވަނީ ނެރުތައް ބަންދުކޮށް، އެ ސަރަހައްދަށް މޫދަށް އެރުމުގެ ނުރައްކާ ރައްޔިތުންނަށް އެނގޭނެހެން ބޯޑުތައް ހަރުކޮށްދިނުމަށެވެ.

މި ޕެޓިޝަނުގައި އާންމުން ސޮއިކުރަން ފަށާފަވާއިރު ފުވައްމުލަކަށް ދިމާވެފައި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފުވައްމުލަކު ހުޅަނގު ފަރާތުގައިވާ 4 ނެރު ބަންދުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެ ރަށު ކައުންސިލުން ވެސް މިހާރު ވަނީ އެދިފައެވެ.