ގުނަމުންމިދާ 2021 ވަަނަ އަހަރުގެ މިހާތަނަށް 36،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 36،001 ފަތުުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގައެވެ. އެދުވަހު 4195 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ދެވަނަ ދުވަހުގައެވެ. އެދުވަހު 4160 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 9830 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 4965 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 573 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.
އެގޮތުން 141 ރިސޯޓަކާއި، 11 ހޮޓެލް އަދި 131 ސަފާރީގެ އިތުރުން 290 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 42،136 ބެޑް ކެޕޭސިޓީއެވެ.
ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ތެރެއިން ބެޑް ކެޕޭސިޓީ އެންމެެެ ގިނައީ ރިސޯޓުތަކުގައެވެ. ރިސޯތުގަކުގެ ބެޑް ކެޕޭސިޓީއަކީ 32،636 އެވެ.
މިއަހަރު 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 555،399 ފަތުރުވެރިންނެވެ.
މިދިޔަ އަަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 63،905 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ދެވަނައަށް އޮތް ރަޝިއާއިން 61،388 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އިނގިރޭސިވިލާތުން 52،716 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މީގެއިތުރުން އިޓަލީ، ޖަރުމަނުވިލާތް، ޗައިނާ އަދި ފްރާންސްގެ އިތުރުން ޔޫއެސްއޭއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިދިޔަ އަހަރު ޒިޔާރަތްކުރިކަމަށް ތަފާސްހިސަބުތަކުން ދައްކައެވެ.