ވަގުންނަށް ވައްކަން ކުރުމުގެ ފުރުސަަތުނުދީ، ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު، މުދަލަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ހިނގާފައިވާ ވައްކަމުގެ މައްސަލަތައް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ތަޅުދަނޑި ޖަހާފައި ހުއްޓައި ސައިކަލު ވަގަށް ނެގުމާއި، ސައިކަލު ޕޮކެޓުގައި ފޯނުފަދަ ތަކެތި ބަހައްޓާފައި ސައިކަލު ޕާކުކޮށްފައި ދިއުމުން ވަގަށްނެގުމާއި، ސައިކަލު މަޑިދަށުގައި ތަކެތި ބެހެއްޓުމުން ވަގަށް ނަގާފައިވާ މައްސަލަތަކުގެ އިތުރުން ގެދޮރު ތަޅުނުލާ ހުއްޓައި ވަދެ ވައްކަންކޮށްފައިވާ މައްސަލަތައްވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ވައްކަމުގެ 4552 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފާއިތުވި 2020 ވަނަ އަހަރު ވައްކަމުގެ 3581 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

އަދި މިއަހަރުގެ މިހާތަނަށް ވައްކަމުގެ 178 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވިޔަ ނުދިނުމާއި މިފަދަ މައްސަލަތައް މަދުކުރުމަށް މާލެއާއި އަތޮޅުތަކުގައި ފުލުހުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަދަ މައްސަލަތައް މަދުކުރުމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ.

ވައްކަމުގެ މައްސަލަތަކަކީ އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނޫނީ ހުއްޓުވޭނެ ކަންކަން ނޫންކަން ފާހަގަކޮށް ފުލުހުން ބުނީ ގެންގުޅޭ އަގުބޮޑު ފޯނާއި ލެޕްޓޮޕް، ވޮލެޓް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ގެންގުޅޭ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

ބޭރުތެރޭގައި އުޅޭއިރު މިފަދަ އަގުބޮޑެތި ތަކެތި އެހެން މީހުންނަށް ފެންނާނެހެން ހާމަކޮށް ނުބެހެއްޓުމާއި ގޭގައި ހުންނަ އަގުބޮޑެތި ތަކެތިވެސް ހާމަކަންބޮޑު ގޮތެއްގައި ބެހެއްޓުމަކީ ރައްކާތެރި ގޮތެއް ނޫންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ގެއިން ބޭރަށްދާއިރު، ބޭރުގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ އެހެން ތަނެއްގައިވިޔަސް ތަޅުދަނިޑި ނުބޭއްވުމަށާއި، މޫދަށް އެރޭއިރުވެސް ވައްކަން ކުރާ މީހުންގެ އަތުޖެހޭގޮތަށް ދަބަސް، ފޯނު އަދި ވޮލެޓުވިޔަސް ނުބާއްވުމަށް އަދި ސައިކަލު ޕާކުކޮށްފައި ދިއުމުގެ ކުރިން ތަޅުދަނޑި ނެގުނުތޯ ޔަގީން ކުރުމުގެ އިތުރުން ސައިކަލު ޕޮކެޓުގައި ނުވަތަ މަޑިދަށުގައިވެސް އަގުބޮޑެތި ތަކެތި ނުބަހައްޓުމަށް ފުލުހުން އެދިފައިވެއެވެ.

ވައްކަމުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ކޮންމެ ފަރުދަކުވެސް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ.

ވައްކަމުގެ މައްސަލަތައް ހިނގިޔަ ނުދިނުމަށް ނުވަތަ ވަގުންނަށް ފުރުސަތު ނުދިނުމަށް ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ތިމާ ގެންގުޅޭ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މިހުންމު ކަމެކެވެ.