ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގައުމީ އެއަރލައިން، އެމިރޭޓްސްގެ ޕައިލެޓަކު އިސްރާއީލަށް ދަތުރުކުރަން އިންކާރުކުރުމުން ސަސްޕެންޑް ކޮށްފިއެވެ.
އެމިރޭޓްސްއިން ސަސްޕެންޑް ކޮށްފައިވަނީ އެ އެއަރލައިންގައި މަސައްކަތްކުރާ ޓިއުނީޝިއާގެ ޕައިލެޓެކެވެ.
މުނީމް ސާހިބުއްތާބާ ބުނެފައިވަނީ، އޭނާ ސަސްޕެންޑް ކޮށްފައިވަނީ، އިސްރާއީލުގެ ތެލްއަވީވަށް ދަތުރުކުރާ ޕައިލެޓުންގެ ޓީމުގައި ހިމެނުމުން އެކަމާ އިންކާރު ކުރުމުން ކަމަށެވެ.
ފޭސްބުކްގައި މުނީމް ކޮށްފައިވާ ޕޯސްޓެއްގައި މިކަން ހާމަކޮށް ބުނެފައިވަނީ، ޕައިލެޓްކަމުން ސަސްޕެންޑްކުރިޔަސް އެކަމާ ހިތާމަ ނުކުރާ ކަމަށެވެ.
ފޭސްބުކްގައި މި ޕޯސްޓް ޖެހުމަށްފަހު މުނީމްވަނީ ވަނީ އިތުރު މެސެޖެއް ޕޯސްޓްކުރުމަށްފަހު އޭނާގެ ފޭސްބުކް އެކައުންޓް ޑިލީޓްކޮށްފައެވެ.
އެންމެފަހުން ޕޯސްޓްކުރި މެސެޖްގައި މުނީމް ބުނެފައިވަނީ، އޭނާގެ އެކައުންޓް ޑިލީޓްމިކުރަނީ އެމިރޭޓްސްއިން ފިއްތުންތައް ކުރިމަތިކުރުމުން ކަމަށެވެ.
ޕައިލެޓް މުނީމް ސާހިބުއްތާބާ، އިސްރާއީލަށް ދަތުރުކުރަން ދެކޮޅުހެދި ހެދުމަށް ޓިއުނީޝިއާގެ ސިޔާސީ އެތައް ފަރާތަކުން ތައުރީފް ކުރަމުން އެބަގެންދެއެވެ.
ލޯންގް ލިވް ޓިއުނީޝިޔާ ޕާޓީގެ ލީޑަރ މަހްދީ އަބްދުލް-ގަވާދް ވިދާޅުވީ، ކެޕްޓަން މުނީމް މި ދެއްކި ހިތްވަރުން، ފަލަސްތީނު ރައްޔިތުން ތަހައްމަލް ކުރަމުންދާ ކެކުޅުންތައް ޓިއުނީޝިޔާގެ ރައްޔިތުންގެ ހިތްތަކުގައި ބަދަލުނުވެ އަދިވެސް ދެމިއޮތްކަން ވަރަށް ސާފުކޮށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.
ޓިއުނީޝިޔާގެ ސިޔާސީ އެހެން ޕާޓީތަކުގެ ވެރިންވެސް މިމޭރުމުން މުނީމު ދެއްކި ހިތްވަރަށް ތައުރީފް ކުރައްވަމުން އެބަ ގެންދަވައެވެ.
އިސްރާއީލަށް ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް 2021 ވަނަ އަހަރުގެ މާޗްމަހުން ފެށިގެން ފަށާނެ ކަމަށް އެމިރޭޓްސްއިން އިޢްލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް ޔޫއޭއީން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.
ޔޫއޭއީގެ އިތުރުން، ބަހްރެއިން، ސޫދާން އަދި މޮރޮކޯއިންވަނީ، އިސްރާއީލާ ސިޔާސީ ގުޅުން އުފައްދައި، އާދައިގެ ގުޅުމަކަށް ދިއުމަށް ނިންމާފައެވެ. އެ ގައުމުތަކުން އިސްރާއީލާ ގުޅުން އުފައްދަން ނިންމީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެކަމުގެ ބަދަލަށް މާލީ، އަސްކަރީ އަދި އެނޫންވެސް ބޮޑެތި އެހީތައް އެ ގައުމުތަކަށް ދެއްވަން ހުށަހަޅުއްވައިގެންނެވެ.
އެމިރޭޓްސް އެއަރލައިނުން ސަސްޕެންޑްކުރި ޕައިލެޓް ނިސްބަތްވާ ޓިއުނީޝިއާއިން ބުނަމުންދަނީ، އިސްރާއީލާ ގުޅުން އުފައްދަން ބޭނުން ނުވާކަމަށެވެ. އަދި ބައިނައަގްވާމީ ގުޅުންތަކަށް އަންނަ ބަދަލަކުން، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާމެދު ޓިއުނީޝިޔާއިން ދެކޭގޮތްވެސް ބަދަލު ނުވާނެ ކަމަށެވެ.