ފިލްމު "ފުކްރޭ" އިން ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ބަތަލާ ރިޗާ ޗައްޑާއާއި އެކްޓަރު ރޮނިތް ރޯއީއަށް ޑިޖިޓަލް ޕްލެޓްފޯމް ވޫޓްގެ ކުރިއަށް އޮތް ސީރީސް "ކޭންޑީ" އިން ފުރުސަތު ލިބިއްޖެއެވެ.

ކާމިޔާބު ގިނަ ސީރީސްތަކެއް ގެނެސްދީފައިވާ މި ޕްލެޓްފޯމްއިން ގެނެސްދޭން ހަމަޖެހިފައިވާ މިސީރީސްގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ މަސްތުވާތަކެތީގެ ތަފާތު އެކިކަހަލަ ހާދިސާތަކާއި ގުޅިގެން ހިނގާ ސިޔާސީ ކަންތައްތަކެއްގެ މައްޗަށެވެ.

ރިޗާ އާއެކު ރޮނިތް ރޯއި މެއިން ލީޑްއިން ފެނިގެންދާއިރު މިސީރީސްގައި އެކްޝަން ސީންތަކެއްވެސް އެކުލެވޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސީރީސްއާ ބެހޭގޮތުން ވާހަކަ ދައްކަމުން އެކްޓަރު ރޮނިތް ރޯއީ ބުނެފައިވަނީ، ހުނަރުވެރި ޑައިރެކްޓަރުންނާއެކު މަސައްކަތްކޮށްލަން ލިބުނު މިފުރުސަތާމެދު އޭނާ ވަރަށް އުފާކުރާ ކަމަށެވެ.

ޑިޖިޓަލް އެންޓަޓެއިންމެންޓްއިން ގެނެސްދެމުންދާ ތަފާތު އެކި ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ގިނަ އެކްޓަރުންނަށް އޭގެ ފައިދާކޮށް ވަރަށް ރަނގަޅު ކެރިއަރ =އެއް ލިބިފައިވާ ކަމަށްވެސް ރޮނިތް ބުނެފައިވެއެވެ.

ރޮނިތްއަކީ 90 ގެ އަހަރުތަކުގެތެރޭ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންގޮސްފައިވާ އެކްޓަރެކެވެ. އޭގެފަހުން ގިނައިން އޭނާ ފެނިގެންގޮސްފައިވަނީ ޓީވީ ސިލްސިލާތަކުންނެވެ.

"ކޭންޑީ" ސީރީސްގެ ބަތަލާ ރިޗާއަށް ލިބުނު ރޯލާގޮތުން ރިޗާ ބުނެފައިވަނީ، ސީރީސްގެ ސްކްރިޕްޓް އަޑުއެހުމަށްފަހު އޭނާއަށް ލިބުނު ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އޭނާއަށް ލިބުނު ޗެލެންޖިންގް ރޯލްއިން އޭނާގެ އެކްޓިންގް ހުނަރު ވަރަށް ރަގަޅަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ރިޗާވަނީ ބުނެފައެވެ.

މިއީ ރިޗާއާއި ރޮނިތް އެކީގައި ފެނިގެންދާނެ ފުރަތަމަ ފިލްމީ ޕްރޮޖެކްޓެވެ.

އަޝިޝް ޝުކްލާ ޑައިރެކްޓުރާ މިސީރީސް މިއަހަރުތެރޭ ރިލީޒްކުރާނެކަމަށް ބުނެފައިވާއިރު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.