އެތައް މަހެއް ނުވަތަ އަހަރެއް ފާއިތުވެގެންދިޔަ ކޮވިޑް-19 ގެ ވަބާއަކީ އުއްމީދުގެ އަލިކަންފުޅެއްވެސް ނުލިބި މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ނާމާން ވަބާއެކެވެ. އެހެން ނަމަވެސް އެވަބާއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުން މަންފާކުރަނިވި އެއްކަމެއް ވަނީ ފެނިގެން ގޮސްފައެވެ: ޢާންމު ރޯގާތައް މަދުވުމެވެ.

ކޮރޯނާ ވައިރަހާއިމެދު މީހުންގެ މެދުގައި އުފެދުނު ހޭލުންތެރިކަމާ އެކަމަށް ރައްކާތެރިވެފައިވާ މިންވަރު – މާސްކް އެޅުމާއި އަތްދޮވުމާއި ސާފުތާހިރުކަމަށް ޖެހުނު ލޯބި އަދި އިޖުތިމާއީ ގައިދުރުކަން، މިހުރިހާ ކަމަކުން މަދުކުރެވުނު އެއްކަމަކަށްވީ އާންމު ހުމުގެ ރޯގާތަކެވެ. އަދި އެހެންޏާ ވިއްސާރަ މޫސުމުގައި އާންމުވާ ބަލިތައްވެސް މަދުވެގެން ދިއުމެވެ.

ބައެއް ޑޮކްޓަރުން ދެކިވަޑައިގަންނަވާ ގޮތުގައި މިއީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ. ޢަޖައިބު މިންވަރަކަށް އެފަދަ ޢާންމު ބަލިތައް މަދުވެގެން ދިޔައެވެ. އެހެން އަހަރުތަކަށް ބަލާއިރު 2020 އަދި 2021 މި ފެށުނީ ވަރަށް ރަނގަޅަށެވެ. ދުވާލެއްގެ މައްޗަށް ހުމާއި ހަޖަމުގެ މައްސަލަތަކާއި ނޭވާލުމުގެ ނިޒާމީ މައްސަލަތައްވެސް ކުޑަކަމަށް ފާހަގަ ކުރެވެއެވެ. އެހެން ނަަމވެސް ކޮރޯނާ ވައިރަހަކީ ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް ވަރަށް ބޮޑު ރޯގާއެކެވެ.

އިންފުލުއެންޒާއައި ގުޅުންހުރި ގިނަ ބަލިތައް ހަމައެކަނި މަދުވީކީ ނޫނެވެ. އެފަދަ ހުމުގެ ރޯގާތައް ފެތުރުންވެސް މަޑުޖެހުނީއެވެ. މިއީ ވިސްނައިލުން މުހިންމު ކަމެކެވެ. ޑޮކްޓަރުން ޤަބޫލުކުރައްވާ ގޮތުގައި މިއީ ކޮވިޑް-19 އާ ދެކޮޅަށް އެޅުނު ފިޔަވަޅުތަކުގެ ނަތީޖާއެވެ.

ޢަންމު ޙާލަތެއްގައި އަރިދަފުހާއި ހުމުގެ ރޯގާއަކީ ވަރަށް ގިނަގިނައިން ފެންނަ ބަލިތަކެކެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ގިނަމީހުން ނުދެއެވެ. ނަމަވެސް އެފަދަ ރޯގާތައް ފެތުރިގަތުމާއެކު ކުޑަކުދީންގެ ކްލާސްތައް ސްކޫލްތަކުގައި ބަންދު ކުރެވެއެވެ. ނަމަވެސް 2021 ފެށުނީ އެއާއި ޚިލާފަށެވެ. އެހެން އަހަރުތަކުގައި ޑިސެމްބަރު މަހާއި ޖެނުއަރީ އަދި ފެބްރުއަރީއަކީ މިފަދަ ރޯގާތައް ރިޕޯރޓުކުރާ ޢަދަދު މަތީ އަހަރުތަކެކެވެ. ޞިއްޙަތާބެހޭ ތަފާސް ހިސާބުތަކަށް ބަލައިލުމުން ފެނިގެންދާނެއެވެ. އަދި ފާމަސީތަކުން ދޫކުރާ ބޭހުގެ ނިސްބަތް އަޅައި ކިޔައިލުމުންވެސް ފެނެއެވެ.

މިއަހަރު އަދި އެފަދަ ކަމެއް ފެނުން ކުޑަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އަދި އެކަމާމެދު އެއްޗެއް ބުނުން ތަންކޮޅެއް އަވަސްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މިބާވަތުގެ ބަލިމަޑުކަން މުޅި ޤައުމުގައި އަންމުވެއެވެ. މަދުން ފެންނަ ހުމާއި އަރިދަފުސް ރޯގާއާއި ރޯގާގެ އަސަރުތައް ނުފެނިދާ ދުވަސްތަކެވެ. ޤައުމީ ފެންވަރެއްގައި ބަލާނަމަ އަހަރު ފެށިގެން އަންނަ ދުވަސްވަރާއި ނިމޭ ދުވަސްވަރަކީ ރޯގާ ޢާންމު ދުވަސްވަރެވެ. ޚާއްޞަކޮށް ވިއްސާރު މޫސުންތަކުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިހާރު މިކަން ފެންނަނީ މިގޮތަށް ކަމަށް އެމެރިކާގެ ސިއެޓްލް އެންޑް ކިންގ ކައުންޓީގެ ޢަންމު ޞިއްޙަތާއިބެހޭ އެޕިޑެމިއޮލޮޖިސްޓް ޑޮކްޓަރ މެޓް ހެންސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމެރިކާފަދަ ފިނިމޫސުމް އަންނަ ޤައުމުތަކުގައި ކޮންމެ ހަފްތާއަކު ހުމާއި އަރިދަފުސް ރޯގާ ޖެހިގެން އެތައް ސަތޭކަ ބަޔަކު ޑޮކްޓަރަށް ދައްކާ ކަމުގައެވެ.

ޢާންމު ދިރިއުޅުމުގައި ދިގު މައްދަތަށް ގެނެވޭ މި ބާވަތުގެ ބަދަލުތަކަކީ މުސްތަޤުބަލުގައި މިފަދަ ޢާންމު ރޯގާތަށް މަދުކުރެވިދާނެ ކަންކަމެވެ. ހެންސަން ފަދަ ޑޮކްޓަރުން ދެކިވަޑައިގަންނަވާ ގޮތުގައި އާންމު ސާފު ތާހިރުކަމާއި ތިމާ ސާފު ތާހިރުވުންފަދަ ކަންކަން މިހާރުވެސް ބަލަހައްޓަމުންގެންދާ ގޮތަށް ކުރިއަށް ގެންދިއުން މުހިންމެވެ.

ރައްކާވެ ތިބިއްޔާ ދަތުރޭ ބުނަނީ މިހެންވީމައެވެ. ހޭންޑް ސެނިޓައިޒަރ ބޭނުންކުރުމާއި އަތްދޮވުމާއި ހާމަކޮށް އެކަން ކުރުމުގެ ބަދަލުގައި އަތުގެ މައިކަޅުވާއާއި މުލައްދަނޑީން ނޭފަތާއި އަނގަ ނިވާވާގޮތަށް ރައްކާތެރިވެގެން ކިނބިހި އެޅުމާއި ކެއްސުންފަދަ ކަންކަން މިއީ ހައްތާވެސް ރައްކާވެ ތިބިއްޔާ ދަތުރެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެނުން އެންމެ އުނދަގޫ ކަންތައްތަކުގެ ތެރޭގައި މާސްކު އެޅުމާއި އިޖުތިމާޢީ ގައިދުރުކަންފަދަ ފިޔަވަޅުތައް ހިމެނޭނެކަން ކަށަވަރެވެ. ނަމަވެސް ކޮވިޑް-19 އާ ދެކޮޅަށް އެޅުނު ފިޔަވަޅުތަކުގެ ކުދިކުދި ކަންކަން ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. ގެއިން ބޭރަށްދާ ކޮންމެ އިރަކު މާސްކު އަޅައިގެން އުޅުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން މުހިންމެވެ.

މި ވަބާގެ ތެރޭގައި އަދިވެސް އަހަރަކައި ގާތްކުރާ ހިސާބަށް ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ. ރާއްޖޭގައި ވެކްސިން ދެވޭނެ ދުވަހެއް އަދި ނޭނގެއެވެ. އެންމެނަށް ވެކްސިންދީ ނިމޭނީ ވެކްސިން ދޭން ފަށާނެ ދުވަހެއްވެސް އެނގިގެންނެވެ. އަދި ވެކްސިން ދިނުމަށް ތާވަލެއް ރޭވިގެންނެވެ. އެންމެ އިސްކަންދޭ ހިސާބަކާއި އެންމެފަހު މަރުޙަލާއެވެ.

އެންމެ ޑޯޒަކުން ފުރިހަމަ ކުރެވޭ ވެކްސިނަކާއި ދެ ޑޯޒުން ދެވޭ ވެކްސިނެއްވެސް މިވަނީ އުފައްދައި އިންސާނުންނަށް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް ރާއްޖެއަށް ލިބޭނީ މީގެ ކޮން ވެކްސިނެއްކަންވެސް އަދި އޮތީ ނޭނގިއެވެ. މިޖެނުއަރީމަހުގެ 10 ވަނަ ދުވަހުގެ ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ޑރ. ނަޒްލާ ރަފީޤުވަނީ ރާއްޖޭގައި ވެކްސިން ދިނުމާ ބެހޭގޮތުން އަދި މާބޮޑު ތަފްޞީލެއް ދެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދި ނަޒްލާ ވިދާޅުވި "ކޮންފިޑެންޝަލް ކަންތަކަކާއި ގުޅުން ހުރީމާ" ވެކްސިން ލިބުމުގެ އެއްބަސްވުންވެސް އަދި އޮތީ ވާނުވާއެއްގެ ތެރޭގައެވެ.

ކައިރި މުސްތަޤުބަލަކަށް ބަލާއިރު މި ވަބާގެ ތެރޭގައި އުޅެން ޖެހިފައިވާއިރު މިހާރު ރައްކާތެރިވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތައް އެގޮތުގައި ދެމެހެއްޓުން މުހިންމެވެ. ސަބަބަކީ ނޭވާލުމުގެ ނިޒާމަށް ޙަމަލާދޭ ބަލިތަކާއި ދެކޮޅަށް އަޅައިފައިވާ މި ފިޔަވަޅުތަކުގެ ތެރޭގައި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ރަނގަޅު ކަމަކަށްވުމެވެ. ޚާއްޞަކޮށް ސެނިޓައިޒް ކުރުމާއި މާސްކް އެޅުންފަދަ ކަންކަމެވެ. އިޖުތިމާއީ ގައިދުރުކަމާއެކު ބޭރަށް ގޮސްއުޅުން މަދުކޮށްލުމެވެ. ނަމަވެސް މިއީ މުޖުތަމަޢުގެ އަފްރާދުންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ޚާއްޞަކޮށް ދިގު މުއްދަތަކަށް މިކަން މިގޮތަށްކުރުން ދެމެހެއްޓުމަކީ، އެއީ އުނދަގޫ ކަމަކަށް ވެގެންދާނެއެވެ.

ފާހަގަ ކޮށްލަންޖެހޭ އަނެއް ކަމަކީ އަޅައިލުމާއި އެހީތެރިކަން ދިނުމަށް ޤާއިމް ކޮށްފައިވާ ތަންތަނަށްވެސް ވަރަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހިފައިވުމެވެ. އަދި ފާއިތުވި ދުވަސްތަކުގައި އެ ބަދަލުތައް ގެނެސްފައިވެސް ވެއެވެ. ޤަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމުގައިވެސް ފަރުވާތެރިކަން ބެހެއްޓުން ހިމެނެއެވެ. ސަބަބަކީ މިފަދަ ތަންތަނަކީ ފަރުވާ ކުޑަވެ ކުޑަކުޑަ އިހުމާލަކުންވެސް ދުޅަހެޔޮކަން ގެއްލި އެތަން ހުރި ރަށަކަށްވެސް އެކަމުގެ ގެއްލުންތަކަކާއި އުނދަގޫތަކެއް ކުރިމަތިކުރުވާނެ ކަމަކަށް ވާނެތީއެވެ. އެހެންވީމާ އެތަންތަނަށް ގެނެވިފައިވާ ބަދަލުތައް ނުވަތަ ތަންފީޒީ އުޞޫލުތައް ދިގުމުއްދަތަށް ދެމެހެއްޓޭނެކަމަށް ބެލެވެއެވެ.

ޑޮކްޓަރ ހެންސަން ޤަބޫލުކުރައްވާ ގޮތުގައި ކޮވިޑް-19 ގެ ދަހަނާގެ ތެރޭގައާއި އަދި ވެކްސިންގެ ތެރޭގައި އެހެން ހަތިޔާރެއްވެސް އެބައޮތެވެ. އެއީ ޞިއްޙީ އަޅައިލުމުގެ ޚިދުމަތް ހޯދުމަށް މީހުން އުޅޭ އުޅުން މަދުވުމެވެ. ކޮންމެ މީހަކު ކްލިނިކަކަށް ނުވަތަ އެމީހަކު ޢާންމުކޮށް ދައްކާ ޑޮކްޓަރެއްގެ ގާތަށް ހުމުގެ ރޯގާއަށް ބޭހެއް ހޯދަން ނުގޮސްފާނެއެވެ. ނަމަވެސް އަދި އެއީ މުޅީން އެކަން އޮންނާނެ ގޮތެއް ނޫނެވެ.

ކޮވިޑް-19 އާ ގުޅިގެން، މަޢުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ކަންކަން ބަލަހައްޓާ މަރުކަޒުންވެސް ޢާންމުކޮށް، ދެމުން ގެންދަނީ މި ވަބާއާއި ގުޅުން ހުރި މަޢުލޫމާތުތަކެވެ. ޢާންމު ޞިއްޙަތުގެ ތަފާސް ހިސާބުތަކުގެ މަޢުލޫމާތު ގެނެސްދޭމިންވަރު މަދުކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ޢާންމުންގެ ފަރާތުން އެނގޭ ގޮތުގައި ޢާންމު ރޯގާތަކާ އެނޫންވެސް ހުމުގެ ރޯގާތަކަށް ފަރުވާ ދެވިފައިވާ މިންވަރު އެހެން އަހަރުތަކާއަޅާ ބަލާއިރު މަދެއްނޫނެވެ. ނަމަވެސް ރޯގާ ޖެހޭ މީހުންގެ ނިސްބަތް މަދެވެ. ޑޮކްޓަރުން ދެކިވަޑައިގަންނަވާ ގޮތުގައި ފާއިތުވި އަހަރު އެކި ބާވަތުގެ ހުމުގެ ޢާންމު ރޯގާ ދަށްވެފައިވަނީ ރައްކާތެރިވުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި ކުރީން ޅައިރު ދެވިފައިވާ ވެކްސިންތަކުގެ ފައިދާ ކުރާތީއެވެ.

އާންމު އުޅުމުގެ އުޞޫލުތަށް ބެހިފައިވާ ގޮތަށް ބަލާއިރު، އޮފީހުން ބޭރުގައި މަސައްކަތްކުރުންވެސް އެއީ ޢާންމު ރޯގާ ފެތުރުން ދަށްވުމުގެ މުހިންމު ދައުރެއް އަދާކުރި ކަމެކެވެ. ސްކޫލްތަކަށް ދަރިވަރުން ނުގޮސް ގޭގައި ކިޔެވުމުގެ ކަންކަން ހަމަޖެހިގެން ދިއުމާއި މަހާސިންތާތަކާއި ބައްދަލުވުންތައް އޮންލައިނަށް ބަދަލުވެގެން ދިއުންވެސް ހިމެނެއެވެ. އެހެންވީމާ މިއީ މުސްތަޤުބަލަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމެކެވެ.

ބައެއް މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އާދަކާދައަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއްވަނީ އައިސްފައެވެ. ނަމަވެސް އެ ބަދަލު އައިސްފައިވަނީ އިންޒާރުތަކާއި ލަފާތަކާއި އިރުޝާދުތައް އަޑުއަހާ މީހުންގެ ތެރޭގައެވެ. ގާތްގަނޑަކަށް އެންމެން އެއަޑު އެހި ނަމަވެސް އެކަމަށް ސަމާލުކަން ނުދޭ މަދު ބަޔަކުވެސް އުޅެމުން ދިއުމުގެ ނަތީޖާއަކަށްވީ ކޮވިޑް-19 ފެތުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ސަމާލުވުމަށް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އުޅެމުންދިޔަ މީހުން ކިރިޔާވެސް ބަލިހެން ހީވާނަމަ ވަގުތުން އެކަމަކަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރެއެވެ. އަދި ގޭގައި މަޑުކޮށްލުމުގެ ވިސްނުން ގެންގުޅެއެވެ.

ރޯގާގެ ބަލިމަޑުކަމުގެ އިތުރުން ހަޖަމުގެ މައްސަލަތައް ދިމާވުންވެސް ކޮވިޑްގެ ތެރޭގައި މިވަނީ ދަށްވެފައި ކަމަށް ބައެއް ޞިއްޙީ ބޭފުޅުން ވިދާޅުވެއެވެ. އަދި ދަރުމަވެރީންގެ ފަރާތުންވެސް އެނގިފައިވާ ގޮތުގައި އެބާވަތުގެ ބަލިމަޑުކަމާއެކު އެހެނިހެން ކަހަލަ ފެތުރޭ ބަލިތައް މަދުކަމަށް ފާހަގަ ވެއެވެ. ސަބަބެއް ކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވަނީ ޕާކުތަކަށް ދިއުމާއި ލުއި ކާނާގެ ގޮތުގައި ޢާންމުކޮށް ޓޭކްއަވޭ ތަންތަނަށް ނުގޮސް ގޭގައި ކެއުމުގެ ކަންކަން ހަމަޖެއްސުމާއި ހޮޓާތަކަށް ވަނުން މަދުވުން ހިމެނެއެވެ. އަދި މީގެ އިތުރުން ގިނަ ދިވެހީންނަކީ ހަޖަމުގެ މައްސަލަތަކުގައި އެހެން ގޮތެއް ނެތުމުން ނޫނީ ގިނަފަހަރަށް ޑޮކްޓަރަށް އިޝާރާތެއް ކޮށްލަންވެސް ބޭނުންވާ ބައެއް ނޫނެވެ.

ފާއިތުވި އަހަރުގެ ކުރީކޮޅު ގިނަ ބަޔަކަށް ހީވެފައި އޮތީ އަދި ޞިއްޙީ އޮފިޝަލުންނަށްވެސް ހީފުޅުވެ ވަޑައިގެންފައި ޢާންމު ރޯގާގެ ވަބާއެއް ކޮވިޑާއެކު ފެތުރެމުން ދިޔަ ކަމަށެވެ. ނަމަވެސް އަހަރުގެ ފުރަތަމަ މަސް ނުނިމެނީސް އެކަން އޮތީއެހެން ނޫންކަން އެނގިއްޖެއެވެ.

އެންމެނަށްވެސް އެނގޭ ފަދައިން ފާއިތުވި 12 ވަރަކަށް މަހަކީ ގިނަ ބަޔަކަށް ވަރަށް ދުއްތުރާދިން 12 ވަރަކަށް މަހެވެ. އަދި އެތައް އަހަރެއްވަންދެން ހުމުގެ ރޯގާތައް ތަޙައްމަލު ކުރަމުންދިޔަ މީހުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެގެން ދިޔަކަން ފާހަގަވެއެވެ. އަދި ވިއްސާރަ މޫސުމުގައި ކަންވާނެގޮތަކާމެދު އެމީހުންގެ ކަންބޮޑުވުންވެސް އެވަރަށް އޮތެވެ. މީގެ އިތުރުން ދެރޯގާ އެއްވެ ބޮޑު ރޯގާއައިސް ވަބާއަކަށްވުމުން ޞިއްހީ ނިޒާމަށް ކުޅަދާނަ ނުވާވަރު ވެދާނެ ކަމުގެ ކަންބޮޑުވުންވެސް އޮތެވެ. އެހެންވީމާ ހުމުގެ ރޯގާތަކާއި ގުޅޭގޮތުން ހިފަހައްޓައިލަން ލިބުނު އުއްމީދުގެ ވާފަށުގެ ބޭނުން ހެޔޮ ގޮތުގައި ހިފިފައިވެއެވެ. ދުވަހަކުވެސް އާދައިގެ އާންމު ރޯގާ މަދުނުވާވަރަށް ދަށްވެފައިވެއެވެ. އެހެންވީމާ އެއީން އެނގޭ އެއްޗަކީ ކޮވިޑާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކުގެ ފައިދާ ރައްޔިތުންނާއި ޞިއްޙީ ނިޒާމަށް ކޮށްފައިވާ ކަމެވެ. މިހާރު ކޮވިޑްގެ ވެކްސިން ލިބުމުގެ އުއްމީދު ރައްޔިތުންނަށް މިވަނީ ބޮޑުވެފައެވެ. އަދި ކޮންމެ މީހަކުވެސް އެ ވެކްސިން ލިބިގަތުމަށް ވީހާއަވަހެއް ކުރުމަކީ މުހިންމު ކަމެކެވެ.

ނަމަވެސް ސުވާލަކީ ކޮވިޑަށް މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހުއްދަލިބިގެން ދެވޭ ވެކްސިނަކީ ކޮވިޑް ނައްތައިލެވޭ ވެކްސިނެއްތޯ ނުވަތަ ކޮވިޑް ޖެހުމުން މީހާ ދުރުކޮށްދޭ ވެކްސިނެއްތޯ ކުރެވޭ ސުވާލެވެ. އަދި އެ ބަލި ދުނިޔެއިން ނައްތައިލުމަށް ކިހާ ދުވަހެއް ނަގާނެތޯވެސް އެއީ ކުރެވޭ ސުވާލެކެވެ.