• އެކްޓިވް ކޭސްގެ އަދަދު 783 އަށް މައްޗަށް، ހޮސްޕިޓަލްތަކުގަ 55 މީހުން
  • އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު މިއަދުވަނީ ޕޮޒިޓިވްވެފައި
  • ޓީޗަރު ޕޮޒިޓިވްވި ނަމަވެސް އެއްވެސް ދަރިވަރަކު ކޮންޓެކްޓެއްގެގޮތުގައި ނުބެލެވޭ: އެޗްއީއޯސީ

ރާއްޖެއިން ކޮވިޑް-19 އަށް 59 މީހުން އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިރޭކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 3،318 ސާމްޕަލް ކަމަށާއި، މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 59 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 9 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. 33 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވި 59 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 14،277 އަށް އަރާފައެވެ.

މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަމީނިއްޔާ ސްކޫލުގެ ގްރޭޑް 3 ގެ ޓީޗަރަކުވެސް ހިމެނެއެވެ.

އެހެންވެ، އރ ޓީޗަރުންގެ ކްލޯސް ކޮންޓެކްޓުން ގޮތަށް ދިމާވެފައިވާ އިތުރު ޓީޗަރުން މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ.

ނަމަވެސް، އެޗްއީއޯސީން ބުނެފައިވަނީ، ކަރަންޓީން ކުރެވުނު އިތުރު ޓީޗަރުންނާއި ޕޮޒިޓިވްވި ޓީޗަރު ދިމާވެފައިވަނީ ސްކޫލުން ބޭރުގައި ކަމަށާއި، ސްކޫލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާތީވެ އެއްވެސް ދަރިވަރެއް ކޮންޓެކްޓްއެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 36 މީހުން ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 13،438 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 783 މީހުންނެވެ. މީގެތެރެއިން 55 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.