އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން އަޒުލްކުރުމުގެ ބަހުސް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ކުރިއަށް އެބަދެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހުށަހެޅި އާޓިކަލް އޮފް އިމްޕީޗްމަންޓަށް ބަހުސްތައް ކުރިއަށްދާއިރު، ޓްރަމްޕް އިމްޕީޗްކުރަނީ މިދިޔަ ހަފްތާގެ އާދީއްތަދުވަހު ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކާ ގުޅިގެންނެވެ.

މިހަމަލާތައް ދިނުމަށް ޓްރަމްޕްގެ ސަޕޯޓަރުންނަށް ހިތްވަރު ލިބުނީ، ޓްރަމްޕްގެ އަމަލުތަކާއި، ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ކަމަށް އާޓިކަލް އޮފް އިމްޕީޗްމަންޓްގައި ކަނޑައަޅާފައި ވެއެވެ.

ބަހުސަށްފަހު ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ ޖީއެމްޓީ ގަޑިން 20:00 ގައެވެ.

ހައުސްގެ އަޣުލަބިއްޔަތު އޮންނަނީ ޑިމޮކްރޭޓުންނަށް ކަމަށް ވާއިރު، މިހާތަނަށް ބަހުސްކުރެއްވި ރިޕަބްލިކަން ބައެއް މެމްބަރުންވެސްވަނީ ރައީސް ޓްރަމްޕް އިމްޕީޗްކުރަން ތާއީދުކުރައްވައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން، ރިޕަބްލިކަން މެމްބަރުންގެ ތެރެއިން ހައުސްގައި މިހާތަނަށް ބަހުސްކުރެއްވި ހަތް ބޭފުޅަކުވަނީ ޓްރަމްޕް އިމްޕީޗްކުރައްވަން ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕް އިމްޕީޗްކުރަން ރިޕަބްލިކަން ވިއްސަކަށް މެމްބަރުން ވޯޓު ދެއްވާނެކަމަށް ބެލެވެއެވެ.

އާޓިކަލް އޮފް އިމްޕީޗްމަންޓް ހައުސްއިން ފާސްކޮށްފިނަމަ އެ މައްސަލަ ދެން ދާނީ ޕާލަމެންޓްގެ މަތިގެ، ސެނޭޓަށެވެ. ޓްރަމްޕްގެ މައްޗަށް ޝަރީއަތް ހިންގާނީ ސެނޭޓުގައެވެ. ސެނޭޓުގެ އަޣުލަބިއްޔަތު މިވަގުތު ޓްރަމްޕްގެ ޕާޓީ، ރިޕަބްލިކަނުންނަށް އޮތް ނަމަވެސް، އައު ދައުރު ފެށުމާއެކު އަޣުލަބިއްޔަތު ޑިމޮކްރޭޓުންގެ ކޮޅަށް އެނބުރިގެން ދާނެއެވެ.